ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ނޯޓިސް މާދަމާ އަނބުރާ ފޮނުވާލާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މަލީހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޯޓިސް ލިބިއްޖެ ކަމަށާއި އެކަމަކު ގަރާރު ތައްޔާރުކުރެއްވި މެމްބަރު، މަޖިލީހުގެ 14 މެމްބަރަކަށް އޮޅުވާލާފައިވާ ކަމަށެވެ. އަދި އެއީ ސުލޫކީ މައްސަލައެއް ކަމަށާއި އެކަމާ މެދު ސުލޫކީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ގަރާރު ބާތިލު، ހަމަނުޖެހޭ ދޮގު ވާހަކަ، ނަން ދިމާ ނުވޭ، ވަރަށް ބޮޑު ގާނޫނީ މައްސަލަތަކެއް. މާދަމާ ނޯޓިސް އަނބުރާ ފޮނުވާލަން،" މަލީހު ވިދާޅުވިއެވެ.
މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 14 މެމްބަރުންގެ ސޮޔާއެކުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. މިއަދު މަޖިލިސް ޖަލްސާގައި އެ މައްސަލައިގެ ކަންކަން ގޮސްފައިވާ ހިސާބު ސާފުކޮށް ދިނުމަށް ރިޔާސަތުގައި އާޒިމް ވަނީ އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަވާބުދާރީވުމަށް ސިޓީއަކުން މިނިސްޓަރު މަލީހަށް މިހާރު ދަންނަވާފައިވާ ކަމަށެވެ.
މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު