ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

ޑިސެމްބަރު 29، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 28،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށި ލުމާއި 287 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެ އެވެ.

އަދި 772 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ހަތަރު ނެރުބައްތި ހަރުކުރުމާއި 11 ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 24.6 މިލިއަން ރުފިޔާއަށެވެ.