އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މައްޗަންގޮޅި ފެރީނާ، ޝާޒުލީ ޝަފީގު އިންތިހާބުކޮށްފިއެވެ.
އެމްޑީޕީގެ އެސްޖީގެ މަގާމު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ވަނީ ހުސްވެފައެވެ. އެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި އަފްޝަން ލަތީފްވެސް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ. އަފްޝަން އެ މަގާމު ދޫކޮށްލެވީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.
މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ހުސްވެފައިވާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. އެއީ މިރޭ އިންތިހާބު ކުރި ޝާޒުލީ ޝަފީގެވެ.
ޝާޒުލީ އެ މަގާމަށް އިންތިހާބު ކުރީ މިރޭ ގައުމީ މަޖިލީހުގައި ބައިވެރިވި 99 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުންނެވެ. ޒޫމް މެދުވެރިކޮށް ކުރިއަށްގެންދިޔަ އެ ޖަލްސާގައި ވޯޓް ލާފައިވަނީ އޮންލައިންކޮށެވެ.
ޝާޒްލީ ވަނީ މީގެ ކުރިންވެސް އެމްޑީޕީގެ އެސްޖީގެ މަގާމު ފުރުއްވައިފައެވެ. އޭނާ ވަނީ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް އެމަގާމު ފުރުއްވައިފައެވެ.
ޝާޒްލީ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އަންޑަ ސެކްރެޓަރީކަމާއި ޖަޕާނަށް އޭރު ކަނޑައަޅުއްވާފައިވާ ހުންނެވި ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރުކަމާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރުކަން ވެސް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު