ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅެނިކޮށް ބޮލަށް ސީލިންގެއް ވެއްޓި ހާލު ސީރިއަސްވި ކުއްޖާގެ އެއް ފައި ބުރިކޮށްލައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޮލަށް ސީލިންގެއް ވެއްޓި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށެވެ. އޭނާއަށް ލިބުނު ޒަހަމްތަކަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ލިބުނު އަނިޔާތަކަށް މިހާރުވެސް އޭޑީކޭގައި ދަނީ އޮޕަރޭޝަންތަކެއް ކުރަމުންނެވެ. ރޭގެ ވަގުތެއްގައި އޭނާގެ ކަނާތުފައިގެ ކަކުލު ހުޅުގެ މަތިން ބުރިކޮށްލައިފައިވާކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ.
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މީގެ ކުރިން "ވަން" އަށް ވިދާޅުވީ އެކުއްޖާގެ ފައިގެ ވަރަށް ގިނަ ތަންތަން ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުންވެސް އޭނާގެ ފައިގެ ގިނަ އޮޕަރޭޝަންތަކެއްވެސް ކޮށްފައިވާ ކަމަށެވެ.
ގައްދޫ ކައުންސިލް މެންބަރު އާމިރު އަބްދުﷲ މީގެ ކުރިން "ވަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އެރަށް ކުރިމަތީގައި އޮންނަ "ލޮނަދޫ ހުއްޓާ"އަށް އެހެން ކުދި ބަޔަކާއެކު ދަތުރު ގޮސް ހުއްޓައި ކަމަށެވެ.
މީގެ 12 އަހަރު ކުރިން ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އައި މިރަށަށް ދަތުރު ގޮސް އުޅެނިކޮށް މި ހާދިސާ ހިނގީ، އަރި އަޅާލާފައި ހުރި ބިއްގަނޑެއް ވައްޓާލުމަށް ތަނބެއް ހަލާކުކޮށްލަން އުޅުމުގެ ތެރޭގައި ކަމަށް ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި އެހެން ކުއްޖެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު