ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އާ އުސޫލުތަކުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައި އޮތް އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަވެސް އަނެއްކާ ހުއްޓުމަކަށް އައެވެ. ދިވެހި ޕްރިމިއާ ލީގު އެކަންޏެއް ނޫނެވެ. ތިންވަނަ އަދި ދެވަނަ ޑިވިޝަންވެސް މުއްދަތެއް ނެތް ގޮތަށް ފަސްވެގެން ގޮސްފައިވާ އިރު، އެ ނިންމުމާއެކު ހުރިހާ ކްލަބަކުވެސް ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އިއްޔެ ބޭއްވި ޕްރެސްގައި ކްލަބުތަކުން ބުނެފައި ވަނީ ފުޓުބޯޅައަކީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިނަށް ކްލަބުތަކުން ފުރިހަމައަށް އަމަލުކުރަމުން ދަނިކޮށް، ކުއްލިއަކަށް ލީގު ހުއްޓާލުމުން ކްލަބުތައް ބަނގުރޫޓްވުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށްވެސް ކްލަބުތަކުގެ މެނޭޖުމަންޓުން ބުނެފައިވެއެވެ. ވެކްސިން ޖަހައިގެން ނަމަވެސް ލީގުގެ ކުޅުން އަލުން ފެށުމަށް މަގުފަހިކޮށްދިނުމަށް ކްލަބުތަކުން ސަރުކާރާއި އެޗްޕީއޭގައި އެދިފައިވާ އިރު، މިނިސްޓަރު މަހުލޫފް ވަނީ ކްލަބުތަކާއެކު ހުރިކަން ހާމަކޮށްފައެވެ.

މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކްލަބްތަކުން ކަންބޮޑުވާ ފަދައިން އޭނާ ވެސް ކަންބޮޑުވާ ކަމަށެވެ.

"މިކަމަށް ހައްލެއް ހޯދައިދޭން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން. ލީގު ހުއްޓިފައި އޮތުމަކީ އެކި ގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް. ކްލަބްތަކަށް އަދި ކުޅުންތެރިންނަށް ލިބޭ ކަމެއް،" މިނިސްޓަރު ކުރެއްވި ޓުވީޓުގައިވެއެވެ.

ފުޓުބޯޅައިގެ އިންޑަސްޓްރީއަކީ އަހަރަކަށް 30-40 މިލިއަން ރުފިޔާ ހަރަދުކުރާ އިންޑަސްޓްރީއެއް ކަމަށް ކްލަބުތަކުން ފާހަގަކޮށްފައިވާ އިރު، ކްލަބުތަކުން އިތުރަށް ބުނެފައި ވަނީ ފުޓުބޯޅައިގެ އާއިލާއާ މަޝްވަރާ ނުކޮށް، ބޮޑެތި ނިންމުންތައް ނިންމުމަކީ ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ލީގު މެދުކަނޑާލަން އެންގި އެންގުމަކީ އެފްއޭއެމްއާއި ޔޫތު މިނިސްޓްރީއަށްވެސް އެނގުމެއް ނެތި، މަޝްވަރާއެއް ނެތި ނިންމި ނިންމުމެއް ކަމަށާއި، އެވަގުތުން ފެށިގެން ސަރުކާރާއެކު ފުޓުބޯޅަ އަލުން ފެށޭނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިއްޔެގެ ޕްރެސްގައި ކްލަބުތަކުގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ތައްޔާރަށް ތިއްބެވިކަމަށް ފާހަގަކުރައްވައި ރައީސްގެ އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ފުޓުބޯޅަ އަލުން އަނބުރާ ފެށުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރައްވަމުން ގެންދަވާ މަސައްކަތަކަށް ކްލަބުތަކުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.