ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓުތަކެއް ވިޔަފާރި އުސޫލުން ހިންގަން އުފެއްދި ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އެއް ހޯދަން އިއުލާންކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ސީއޯއޯގެ މަގާމަށް ކުރިމަތިލާ މީހެއްގެ އެންމެ ދަށް ފެންވަރަކީ އޭވިއޭޝަން ދާއިރާއިން ގްރެޖުއޭޓް ސެޓްފިކެޓެއް އޮތުމެވެ.

އޭގެ އިތުރުން އެމީހަކީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކަށް އެނގޭ އަދި އެއާޕޯޓް އޮޕަރޭޓް ކުރުމާއި ތަރައްގީކުރުމުގެ ރޮނގުން މަދުވެގެން 25 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި އެއާޕޯޓް ހިންގުމުގެ ސެޓިންއެއްގެ ސީނިއާ މެނޭޖްމަންޓް ދާއިރާގައި މަދުވެގެން 15 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މި މަގާމުގެ މުސާރައެއްގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ ދެ ފަރާތުން އެއްބަސްވާ އަގެކެވެ.

އިއުލާނުގައި ބުނީ، އެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުން ހުރިހާ ލިޔެކިޔުންތަކާއެކު މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ކުންފުނީގެ އީމެއިލަށް މެއިލް ކުރަން އެދޭ ކަމަށެވެ.

"ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ. އެ ކުންފުންޏަކީ 100 ޕަސެންޓްް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. 200 މިލިއަން ހިއްސާގެ މި ކުންފުނީގެ ރައުސުލްމާލަކީ ދެ ބިލިއަން ރުފިޔާއެވެ.

ނަމަވެސް ކުންފުނީގެ ބޯޑު އެކުލަވާލެވުނީ ކުންފުނި އުފެއްދިތާ ތިން މަސް ފަހުން މިދިޔަ މަހު އެވެ. އެގޮތުން ބޯޑުގައި ހަތް މެންބަރުން ތިއްބަވާއިރު ކުންފުނީގެ ޗެއާމަން ކަމަށް އައްޔަން ކުރައްވާފައިވަނީ 2009 ވަނަ އަހަރު، އޭރު ހިންގި އަޕާ ނޯތު ޔޫޓިލިޓީ ލިމިޑެޓްގެ ޗެއާމަންކަން ކުރެއްވި އަބްދުލް ލަތީފު ގާސިމެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައިވަނީ އައިލެންޑް އޭވިއޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސައިން ފިރާޒާއި، މުހައްމަދު ޝަފާއު ހަސަންގެ އިތުރުން ހުސައިން ޝާމިން އާއި އަބްދުﷲ ވަހީދެވެ. އަދި އެއް ޑިރެކްޓަރުގެ މަގާމު އޮތީ ހުސްކޮށެވެ.