ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމުހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން ގެ މުސާރައިގެ ގޮތުގައި 37،500 ރުފިޔާ އަދި އޭނާގެ ދަށުން މަސައްކަތްކުރާ އޮމްބަޑްސްޕާސަންގެ މަގާމަށް ކަނޑައަޅާ ދެ ބޭފުޅުންގެ މުސާރައިގެ ގޮތުގައި 33،500 ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަވުމުގައި، އެ ބޭފުޅުންގެ މުސާރަ ކޮމެޓީން ކަނޑައެޅީ، ފިނޭންސް މިނިސްޓްރީގެ ލަފައާ އެކުގައެވެ.

އެ މަގާމުތަކަށް މުސާރަ ހަމަޖެއްސުމަށް، ފިނޭންސް މިނިސްޓްރީން ދެ ލަފައެއް ކޮމިޓީއަށް ފޮނުވިއެވެ. އޭގެ ތެރެއިން އެއްލަފައަކީ، ޗީފް އޮމްބަޑްސްޕާސަނަށް 40،000 ރުފިޔާ އަދި އޮމްބަޑްސްޕާސަންގެ މަގާމަށް 35،000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށް ދީފައިވާ ލަފައެކެވެ.

ނަމަވެސް ކޮމިޓީން ފާސްކުރީ އޭގެ ތެރެއިން މުސާރަ ކުޑަކޮށް ހިމަނާފައިވާ ލަފައާ އެއްގޮތަށް ޗީފަށް 37،500 ރުފިޔާ އޮމްބަޑްސްޕާސަނަށް 33،500 ރުފިޔާ ކަނޑައެޅުމަށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މދިޔަ މަހު ވަނީ ތިން ބޭފުޅަކު އައްޔަންކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް ކަމަށެވެ. އަދި އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސް އާއި ހ. ފެހިއާލާ މަރްޔަމް ލައިޒާ ކަމަށެވެ.

އާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރި ޖިހާދާ އަނީސް އެންމެ ފަހުން އަދާކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރުގެ މަގާމެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސްގެ އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައިވެއެވެ. ޖިހާދާ އަނީސް ވަނީ މޯލްޓާގެ އައިއެމްއޯ އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓާސް އޮފް ލޯސް އިން އިންޓަނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވާފައެވެ.

އޮމްބަޑްސްޕަސަންގެ މަގާމަށް އައްޔަންކުރި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި ހިއުމަންރައިޓް ކޮމިޝަނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި އަދި ތައުލީމީ ދާއިރާގެ މަގާމުތައް އަދާކުރައްވާފައެވެ. ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަސިޓީއިން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން އަދި މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.