ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ހަސަން ސާޖިންގެ ވީޑިއޯއަކަށް 39 މިލިއަން ވިއުސް ލިބިއްޖެއެވެ.

މީގެ ހަ އަހަރު ކުރިން ފެށިގެން މަސްވެރިކަން ޕްރޮމޯޓުކުރުމުގައި މަސައްކަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސާޖިން 2020 ވަނަ އަހަރުގެ މެއި މަހު ފޭސްބުކަށް ދޫކޮށްލި އެ ވީޑިއޯ 20،000 އަށްވުރެ ގިނަ މީހުން ވަނީ ޝެއާކޮށްފައެވެ. އެ ވީޑިއޯއަށް 178،0000 ލައިކްސް ލިބިފައިވާ އިރު، ވީޑިއޯގެ ވިއުސް 39 މިލިއަނަށް އަރައެވެ.

މަސް އައިނަކުން ދަހިކޮށް މަސް ބާނާ މަންޒަރު ދައްކުވައިދޭ 17 މިނެޓާއި އަށް ސިކުންތުގެ އެ ވީޑިއޯ ވެގެން ގޮސްފައި މިވަނީ ދިވެއްސަކު ހިއްސާކުރި ވީޑިއޯއެއް މިހާ ބޮޑަށް ވައިރަލްވި ފުރަތަމަ ފަހަރެވެ.

މަސްވެރިކަމުގެ މޫނުމަތި ރީތިކުރުމަށް ސާޖިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އޭނާ ވަނީ އޭނާގެ ފޭސްބުކް އަދި އިންސްޓްގްރާމް ޕޭޖަށް ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި މަސްވެރިކަމާ ގުޅުންހުރި އެތައް ވީޑިއޯއެއް ދޫކޮށްލައިފައެވެ.

ސާޖިން "ވަން" އަށް ބުނި ގޮތުގައި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އޭނާ ކުރަމުން އަންނަ މަސައްކަތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމެއް ނުލިބެއެވެ. ނަމަވެސް ބައެއް ކުންފުނިތަކުގެ އެއްބާރުލުން ލިބޭ ކަމަށް ސާޖިން ބުންޏެވެ.