އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ އާއި ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗީގެ މައްސަލަ ބަލަން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުން ސިއްރު ކުރަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް އެވެ. ތާއީދު ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅުއްވީ، ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެގާނޫނު ތަސްދީގު ކުރައްވާފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެންނެވެ.

ފުލުހުންގެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ގާނޫނުގައި ބުނެފައި އޮންނަނީ އެ ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ފަހުން ކަމަށެވެ. އެއީ މާޗް މަހުގެ ތެރޭގަ އެވެ.

އެ ގާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި ފުލުހެއްގެ މަގާމުގައި ހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާ މެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހުތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައި ނެތް ހާލަތުގައި އަިދ އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތުވެސް އުފެދިފައި ނެތި، ވަކިވާ ކޮންމެ މީހަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެއް ކަމަށެވެ.