ގއ. ދާންދޫން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވުމުން، އެރަށް އާންމު ހާލަތަށް ގެނެސްފިއެވެ.
ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު "ވަން" އަށް ވިދާޅުވީ އެރަށުން މިމަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހު ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާ ކަމަށާއި އެހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެރަށުން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން މިހާރު ބަލީން ރަނގަޅުވެފައިވާ ކަމަށެވެ. ޕޮޒިޓިވް މީހާގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕޮޒިޓިވްވި ބައެއް މީހުންނާ ކޮންޓެކްޓްވި ތިން ގެއެއް އަދިވެސް ކަރަންޓީން ކޮށްފައިވާ ކަމަށާއި 14 ދުވަސް ހަމަވުމުން އެމީހުންވެސް ޓެސްޓުކުރެވޭނެ ކަމަށެވެ.
ދާންދޫން ޕޮޒިޓިވް ކޭސްއެއް ފެނުނީ، ކޮއިމަލާ ފެރީން ދަތުރުކުރި އަންހެނެއް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ އަންހެން މީހާއަކީ ގއ. ދެއްވަދޫ ކްލަސްޓާއާ ގުޅުން އޮތް މީހެކެވެ. އެ ކޭސްއާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
ދެއްވަދޫން ހަތް މީހަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން 85 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިދިޔަ ހޯމަ ދުވަހު ވަނީ އެރަށް ވެސް މޮނީޓަރިންގެ ހާލަތުން ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު