ދިރާގުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ދީފި އެވެ.
ދިރާގުން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމަށް ކަމަށެވެ. އެގޮތުން ދިރާގުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިއަދު ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާ ކަމަށް ބުންޏެވެ.
ދިރާގުން ބުނީ ކޮވިޑުގެ ތިން ވަނަ ރާޅުގައި ވެސް ފްރަންޓްލައިން އިންޖިއަނަރުންނާއި ޓެކްނީޝަނުން ގޭގެއަށް ޒިޔާރަތްކޮށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ކަސްޓަމާ ސާވިސް މުވައްޒަފުން ވެސް ފްރަންޓްލައިންގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ކޮވިޑު ވެކްސިން ދޭން ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. މިއަދުގެ ނިޔަލަށް ރާއްޖޭގައި 6854 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. މިއަދުވެސް 2575 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. މީގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ހިމެނެ އެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗު އާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފަ އެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާ އިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަންވެސް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު