ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅެނިކޮށް ބޮލަށް ފާރެއް ވެއްޓި ހާލު ސީރިއަސްވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ބޮލަށް ފާރެއް ވެއްޓި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށެވެ. އޭނާއަށް ލިބުނު ޒަހަމްތަކަށް މިހާރު ފަރުވާ ދެމުން އަންނަނީ އެ އަތޮޅު ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގަ އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މިރޭ "ވަން" އަށް ވިދާޅުވީ އެކުއްޖާގެ ފައިގެ ވަރަށް ގިނަ ތަންތަން ބިންދައިގެން ގޮސްފައިވާތީ، އެ ހޮސްޕިޓަލުން ގިނަ އޮޕަރޭޝަންތަކެއް ވެސް ކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް މިހާރު ވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށާއި ނަމަވެސް އޭނާ އޮތީ ވެންޓިލޭޓަރުގައި ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.
އަދި އޭނާގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ އެކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލެވޭނެ ސީދާ ވަގުތެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް މިރޭގެ ވަގުތެއްގައި މާލެ ފުރުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.
ގައްދޫ ކައުންސިލް މެންބަރު އާމިރު އަބްދުﷲ މީގެ ކުރިން "ވަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އެރަށް ކުރިމަތީގައި އޮންނަ "ލޮނަދޫ ހުއްޓާ"އަށް އެހެން ކުދި ބަޔަކާއެކު ދަތުރު ގޮސް ހުއްޓައި ކަމަށެވެ.
މީގެ 12 އަހަރު ކުރިން ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އައި މިރަށަށް ދަތުރު ގޮސް އުޅެނިކޮށް މި ހާދިސާ ހިނގީ، އަރި އަޅާލާފައި ހުރި ބިއްގަނޑެއް ވައްޓާލުމަށް ތަނބެއް ހަލާކުކޮށްލަން އުޅުމުގެ ތެރޭގައި ކަމަށް ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި އެހެން ކުއްޖެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު