މޯލްޑިވިއަން އައިޑަލްއިން މަޝްހޫރުކަން ހޯދި ޝަލަބީ އިބްރާހިމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ޒާތީ މައުލޫމާތުތައް ހޯދުމަށް މީސް މީޑިއާގައި ލައިވްތަކެއް ކުރިއަށް އެބަދެއެވެ.

މިއަދު ހެނދުނުން ފެށިގެން ޝަލަބީގެ ނަމުގައި އެކި ޕޭޖްތައް ހަދައިގެން ޝަލަބީ ގުރުއާން ކިޔަވާ ވީޑިއޯއެއް ލައިވްކޮށް އެއަށް ކޮމެންޓް ކުރާ ފުރަތަމަ 500 މީހުންނަށް 5000 ޑޮލަރު ލިބޭނެ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ އާއި ޒާތީ މައުލޫމާތު ހޯދުމުގެ މަސައްކަތް ބަޔަކު ދަނީ ކުރަމުންނެވެ.

ޝަލަބީގެ ނަމުގައި އެކި ޕޭޖްތައް ފޭސްބުކާއި އިންސްޓަގްރާމްގައި ހަދާފައިވާއިރު، އެ ޕޭޖް ތަކުން ލައިވްކުރާ ވީޑިއޯއަކީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޤުރުއާން ޗެލެންޖުގައި ބައިވެރިވުމުގެ ގޮތުން ޝަލަބީ ގުރުއާން ކިޔަވާފައިވާ ވީޑިއޯއެކެވެ.

ޝަލަބީގެ ނަމުގައި ހަދާފަފައިވާ ޕޭޖެއްގައި ލައިވްކުރި ވީޑިއޯއެއްގެ ކެޕްޝަންގައި ބުނީ "އަމެން" ޖަހާފައި ކޮމެންޓް ކުރާ ފުރަތަމަ 500 މީހުންނަށް 5000 ޑޮލަރު ލިބޭނެ ކަމަށެވެ. އިތުރު ޕޭޖެއްގައި ބުނީ "ސައްލާމް" ޖަހާފައި ކޮމެންޓް ކުރުމުން ޑޮލަރު ލިބޭނެ ކަމަށެވެ.

ޝަލަބީގެ ނަމުގައި ކުރިއަށްދާ ލައިވްތަކުގެ ހަގީގަތް ހޯދުމަށް "ވަން" އިން ކުރި މަސައްކަތުން އެނގުނު ގޮތުގައި، މި ލައިވްތަކަށް ކޮމެންޓް ކުރާ މީހުންނަށް އެމީހުންގެ ޒާތީ މައުލޫމާތާއި ކޭޝް ކާޑުގެ މައުލޫމާތު ހޯދުމަށް ލިންކްތަކެއް އާދެއެވެ. އެގޮތުން އެ ލައިވްތަކަށް ކޮމެންޓް ކުރާ މީހުންނަށް ލިބޭ މެސެޖުގައި ބުނަނީ ބުނަނީ 15 ގްރޫޕަކަށް އެ ވީޑިއޯ ޝެއާ ކުރުމަށްފަހު “OK” މިހެން ލިޔެލުމަށެވެ. “OK” ލިޔެލުމުން ދެން އަންނަނީ ރަޖިސްޓްރީ ވާނެ ލިންކެކެވެ. އެ ލިންކް ހުޅުވާލުމުން މެއިލް އެޑްރެސް އާއި ޕާސްވޯޑެއް ޖަހަން އަރައެވެ. އޭގެ ފަހުގައި ކްރެޑިޓް ކާޑުގެ މައުލޫމާތު ޖަހަން އަރައެވެ.

މި ޕްރޮސެސްއާއި ގުޅޭ ގޮތުން "ވަން" މީޑިއާ ގުރޫޕުގެ އައިޓީ ޓެކްނީޝަނަކާ ވާހަކަ ދެއްކުމުން އޭނާ ބުނީ އެ ފަދަ ލިންކްތަކަކީ އޮޅުވާލައިގެން ފައިސާ ހޯދުމަށް ހެކަރުން ބޭނުންކުރާ ލިންކްތަކެއް ކަމަށާއި އޭގައި ސައްހަ މެއިލް އެޑްރެސް ޖަހައިފިނަމަ އެ މެއިލް އެޑްރެސް ބޭނުންކުރާ ހުރިހާ އެކައުންޓެއްގެ ޕާސްވޯޑް ހެކަރުންނަށް ލިބޭނެ ކަމަށެވެ. އަދި ކޭޝް ކާޑުގެ މައުލޫމާތު ހިމަނައިފި ނަމަ ސާވާއެއް މެދުވެރިކޮށް، އެކައުންޓްގައި ހުންނަ ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރާނެ ކަމަށާއި ނުވަތަ އެ ފައިސާ ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަންތަކެއް ނުވަތަ ވިޔަފާރިތަކެއް ކުރާނެ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ މިކަންކަމަށް ސަމާލުުވުމަށް އިލްތިމާސްކޮށްފައެވެ.

ޝަލަބީގެ ނަމުގައި ދައުރުކުރަމުން އަންނަ ލައިވް ވީޑިއޯތައް ޝަލަބީގެ ފަރާތުންވެސް ދޮގު ކުރާއިރު، ޝަލަބީގެ ފަރާތުން މިހާރު އަންނަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

ޝަލަބީގެ މެނޭޖަރު ޝަފީގް އަލީ "ވަން" އަށް މިއަދު ވިދާޅުވީ، އެ ފަދަ ލައިވްތައް އެއްވެސް ރައްޔިތަކު ޝެއާ ނުކުރުން އެދޭ ކަމަށާއި އެއީ ބަޔަކު އޮޅުވާލައިގެން ގެއްލުމެއް ދިނުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. ޝަފީގް ވިދާޅުވީ، ޝަލަބީގެ ނަމުގައި އެކަން ކުރަނީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ވިދާޅުވިއެވެ.

ޝަލަބީގެ ނަމުގައި ދައުރުކުރާ ލައިވްތަކަށް އެތައް ހާސް ދިވެހިންނެއް ކޮމެންޓު ކޮށްފައިވާއިރު، އެފަދަ ލިންކްތަކާއި ލައިވްތަކާމެދު އިތުރަށް ސަމާލުވާން ޖެހެއެވެ.