ދިރާގު "އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021"ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ދިރާގުން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ތަމްރީނު ލިބި ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
މި ޕްރޮގްރާމް އަމާޒު ކޮށްފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އެގޮތުން އޭލެވެލް ނިންމާފައިވާ އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަށް އެކަނި ނޫން ކަމަށާއި މާލޭގެ އިތުރުން ސ.އަތޮޅު ތިނަދޫ، އަރި އަދި އޭދަފުށީގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުނެއެވެ. އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ޒުވާނުންނަށް ހިފޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
މި ޕްރޮގްރާމްގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މީގެ ތެރޭގައި މާކެޓިން، ސޭލްސް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯކްސް، ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް ހިމެނޭ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ބުނީ ވަޒީފާގެ މާހައުލަށް އަންނަ ކުރިއެރުންތަކާ އަދި ބަދަލުތަކާ އެއްގޮތަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށްވެސް ދަނީ އިތުރު ފުރިހަމަކަމެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގެވެރިކަން ހުރި ޒުވާނުންނަށް އެ ފުރުސަތު މިއަހަރު ހުޅުވާލާފައިވާ ކަމަށާއި އައިޓީ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީއެއް ހާސިލްކޮށް ކުރިން މަސައްކަތުގެ ތަޖުރިބާއެއް ލިބިފައި ނުވާ ދިވެހި ޒުވާނުންނަށް މި ޕޮރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ހާއްސަ ވާން ބޭނުންވާ ފަރާތްތަކަށް ސެޓިފައިޑް ޓްރޭނިން ދީ، މި ދާއިރާގެ މާހިރުންގެ ފަރާތުން ތަމްރީން ލިބުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު