އިންސާނީ ވަގުފާރި ހުއްޓުވުމަށް ހާއްސަ އޮފީހެއް ގާއިމްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.
އެފަދަ އެއްކަމަކީ އިންސާނީ ވަގުފާރިއަކަށްވާ ގޮތަށް ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ކަމަށާއި ބަޔަކު ގަސްދުގައި ހިންގާފައި އޮތް މިބޮޑު ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެފަދަ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގުރާމުގައި، މިހާތަނަށް 41000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރެޖިސްޓްރީވެއްޖެ. އަދި ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ގައުމަށް އެނބުރާ ފޮނުވައި ދެވިއްޖެ. އަދި ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީން ވެސް، އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފޮނުވައި ދެވިއްޖެ. މި ޕްރޮގްރާމް މިއަހަރުވެސް އިރާދަކުރެއްވިއްޔާ ކުރިޔަށްދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އިންސާނީ ވަގުފާރި ހުއްޓުވުމުގެ ގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންޓި ޓްރެފިކިން އިން ޕާސަންސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު