އަންގް ސަންގް ސޫކީގެ މައްޗަށް ދައުވާ ކޮށްފިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގައި ބަގާވާތެއް ހިންގައި ވެރިކަމުގައި ހުންނެވި އަންގް ސަންގް ސޫކީ މަގާމުން ދުރުކޮށް ހައްޔަރުކޮށްފައިވާ އިރު، މަގާމުގައި ހުންނަވައިގެން ކުރެއްވި ގާނޫނާ ހިލާފު ކަންކަމާ ދެކޮޅަށް އެގައުމުގެ ފުލުހުން ވަނީ މިހާތަނަށް ތަހުގީގަށް ފެނިފައިވާ ހޯދުން ހާމަކޮށްފައެވެ.

މިޔަންމާގެ ފުލުހުން ބުނީ އަންގް ސަންގް ސޫކީގެ ގެއިން ވޯކީޓޯކީތަކެއް ފެނިފައިވާކަމަށާއި އެއީ ހުއްދަ ނެތި އެތެރެކޮށްފައިވާ އެއްޗެހިތަކެއް ކަމަށާއި އެމައްސަލައާ ގުޅިގެން ދައުވާކުރަން ނިންމާފައިވާކަމަށެވެ.

މިޔަންމާގެ އިންޕޯޓް އެކްސްޕޯޓް ގާނޫނުގައި ބުނާގޮތުން، އެގައުމުގައި މުވާސަލާތީ އާލާތްތައް ގަވާއިދާ ހިލާފަށް ބޭނުންކުރި ކަމުގެ ދައުވާ ސާބިތު ވެއްޖެނަމަ އަންގް ސަންގް ސޫކީ އަށް ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ދާދިފަހުން މިޔަންމާގައި ކުރިއަށްދިޔަ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެގައުމުގެ އަސްކަރިއްޔާއިން ގަދަބާރުން ވަނީ ގައުމާ ހަވާލުވެ، އަންގް ސަންގް ސޫކީ ހައްޔަރުކޮށްފައެވެ.