މިވަގުތަށް އެންމެ ރަނގަޅީ ސްކޫލުތައް ބަންދުކުރުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ އެފަދައިން ވިދާޅުވީ ކޮވިޑުގެ ނަންބަރުތައް އިތުރުވަމުންދާއިރުވެސް، ސްކޫލުތައް ހުޅުވާފައި ބެހެއްޓުން އެއީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވުމާ ގުޅިގެންނެވެ.

ދުންޔާ ކުރެއްވި ޓުވީޓެއްގައި ވަނީ ސްކޫލުތައް ހުޅުވައިގެން ނުރައްކަލެއްގެ ތެރެއަށް ދޫކޮށްލުން ބުއްދިވެރިތޯ ސުވާލު ކުރައްވައިފައެވެ. އަދި އާބާދީގެ ބޮޑުބަޔަކަށް ކޮވިޑް ވެކްސިން ޖެހެންދެން ސްކޫލުތައް ބަންދުކޮށްފައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދުންޔާ ވިދާޅުވިއެވެ.

ސްކޫލުތައް ބަންދުކުރުމަށް ދުންޔާ ގޮވާލައްވާފައިވާ އިރު، މިފަަހަކަށް އައިސް ސްކޫލުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިފަހުން ގިޔާސުއްދީން ސްކޫލުގެ ދަރިވަރުންތަކެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކުރިތާ ގިނަ ދުވަސްތަކެއް ފަހުން މިމަހުގެ ދިހަވަނަ ދުވަހު ސްކޫލުތަކުގެ ހުރިހާ ގްރޭޑްތަކަށް ކިޔަވައިދޭ ގޮތަށް ވަނީ ހުޅުވާލައިފައެވެ. އޭގެ ކުރިން ކީސްޓޭޖް ފަހެއް އަދި ހަތަރެއްގެ ދަރިވަރުންނަށް ހުޅުވާލިއެވެ.