ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ނުކުރުމަށް ނިންމި ނިންމުން، އަލުން މުރާޖައާކުރުމަށްފަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ، އޭސީސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ތަހުގީގުކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެ ރިޕޯޓު އަނބުރާ ފޮނުވާލައިފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުންް ރިވިއުކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހުގައި މީގެ ކުރިން އެދިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ޕީޖީން އެ މައްސަލަ އަލުން ރިވިއު ކުރުމަށް އަންގަން ފާސްކޮށްފައެވެ.

އޭސީސީގެ މީޑީއާ އޮފިޝަލް ހަސަން މަނިކް "ވަން" އަށް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ޕީޖީން ފާހަގަކުރި ނުކުތާތައް އަލުން ރިވިއުކުރުމަށްފަހު އޭސީސީން ދެކޭ ގޮތް، މިދިޔަ ބުރާސްފަތި ދުވަހު ލިޔުމުން ޕީޖީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައާ ގުޅިގެން މުއައްސަސާތަކާއެކު މައްސަލަ ރިވުއު ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

  • ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
  • ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
  • ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު
  • ޑިރެކްޓަރު، ނައުޝާދު އަލީ
  • ޑިރެކްޓަރު، (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
  • ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، އަބްދުﷲ ޝަރީފް
  • އެސިސްޓެންޓް ޑިރެކްޓާ ފާތިމަތު ލިމްޔާ
  • އެސިސްޓެންޓް ޑައިރެކްޓާ އަބްދުﷲ ހަފީޒް
  • ލީގަލް އޮފިސަރު އަލީ ޝިހާމް
  • އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
  • ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ

ވެންްޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން ކުރިއަށްގެންދިޔަ ތަހުގީގުގައި ރައްޔިތުންގެ މަޖިލީހަށް މައުލޫމާތުދެއްވަމުން އަމީން ދޮގު ހައްދަވާފައިވާ ކަމަށް މަޖިލީހުން ފާސްކޮށް، އޭނާގެ މައްޗަށް ދައުވާކުރަން ވެސް ވަނީ ނިންމައިފައެވެ.