ޕޯޗުގަލްގައި ކޮވިޑު ކޭސްތައް ގިނަވެ، އެގައުމުގެ އައިސީޔޫތައް ފުރިއްޖެއެވެ.

ޕޯޗުގަލްގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުން ކޮވިޑު ޖެހިގެން ފަރުވާ ދިނުމަށް ހަމަޖައްސާފައިވާ އައިސީޔޫ އެނދުތަކުގެ އަދަދަކީ 850 އެވެ. އޭގެ ތެރެއިން 843 އެނދުގައި ބަލި މީހުންނަށް ފަރުވާ ދެމުންދާއިރު ބާކީ ހުރީ އެންމެ ހަތް އެނދެވެ.

ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕޯޗުގަލްގެ ހޮސްޕިޓަލްތަކުގައި އިތުރު 420 އައިސީޔޫ އެނދު ހުރި ނަމަވެސް، އެ އެނދުތައް ހާއްސަކޮށްފައިވަނީ އެހެނިހެން ބަލިތަކުގައި ފަރުވާ ދޭންޖެހޭ ބަލިމީހުންނަށެވެ.

ޕޯޗުގަލްގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުން މިހާތަނަށް 12،179 މީހުން ވަނީ ކޮވިޑު ބަލީގައި މަރުވެފަ އެވެ. އަދި އެގައުމުން 711،018 ކޮވިޑް ކޭސް ވަނީ ފެނިފަ އެވެ.