ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ބަލަންތިބޭށެވެ. އެމެރިކާގެ ދިދަޔަަށް މިއަހަރު އައުތަރިޔެއް އިތުރުވެދާނެއެވެ.

އިމާދު ލަތީފު

އެމެރިކާގެ އައު ރައީސް ޖޯ ބައިޑެންގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިމުމުގެ ކުރިން އެމެރިކާގެ ދިދަޔަށް އައުތަރިއެއް އިތުރުވެދާނެއެވެ. މިހާރުވެސް ފަންސާސް ތަރި އެބަހުއްޓެވެ. މިއަހަރު ނިމުމުގެ ކުރިން އެއަދަދު ފަންސާސް އެކަކަށް އިތުރުވެދާނެއެވެ. މިއީ ކޮންގޮތަކަށް ހިނގާ ކަމެއްބާވައެވެ. މިހާރު އެހެރަ ފަންސާސް ތަރި ނިސްބަތްވަނީ އެމެރިކާގެ ފަންސާސް ސްޓޭޓަށެވެ. އެންމެފަހުން ދިދަޔަށް ތަރި އިތުރުވީ މީގެ 62 އަހަރު ކުރިން ރައީސް އައިޒަންހާވަރގެ ދައުރުގައި 1959 ގައެވެ. އެއަހަރު ދެތަރި އިތުރުވިއެވެ. ސްޓޭޓެއްގެ ދަރަޖަ އެފަހަރު ލިބުނީ އެލަސްކާއާއި ހަވާއީއަށެވެ. އެއީ އެމެރިކާގެ ސާޅީސް ނުވަވަނަ ސްޓޭޓާއި ފަންސާސްވަނަ ސްޓޭޓެވެ.

އެމެރިކާގެ ދިދައަށް އިތުރުވާ ފަންސާސްއެއްވަނަ ތަރިޔަކަށްވާނީ ވެރިރަށް ވޮޝިންޓަން ހިމެނޭ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ ނުވަތަ ޑީސީއެވެ. ގާތްގަޑަކަށް ހަތްލައްކަ މީހުން ދިރިއުޅޭ މި ސަރަހައްދަކީ އެމެރިކާގެ އިދާރީ ވެރިރަށް ހިންގުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދަށްވާއިރު މިއީ އެހެން އެއްވެސް ސްޓޭޓަކަށް ނިސްބަތް ނުވެ ސީދާ ގާނޫނުހަދާ މަޖިލީހުގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. ވެެރިރަށް ވޮޝިންޓަނުގައި މޭޔަރަކު ހުންނަވައެވެ. ސިޓީ ކައުންސިލެއްވެސް އޮވެއެވެ. މޭޔަރާއި ކައުންސިލް ޖަވާބުދާރީވަނީ ގާނޫނު ހަދާ މަޖިލީހަށެވެ. މިކަން ނިމުމަކަށް ގެނެސް ޑީސީއަށް ސްޓޭޓެއްގެ ދަރަޖަ ދިނުމުގެ އޮއިވަރު މިހާރު އޮތީ ގަދަވެފައެވެ. މައްސަލަ އޮތީ ގާނޫނުހަދާ މަޖިލީހަށް ވައްދައިފައެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެ ކަމަށްވާ ސެނެޓުގައި ޑެލަވެއަރ ސްޓޭޓް ތަމްސީލުކުރައްވާ ދެ މެންބަރުންގެ ތެރެއިން ޓޮމް ކާޕަރ ވަނީ މިހަފުތާގައި ޑީސީއަށް ސްޓޭޓެއްގެ ދަރަޖަ ދިނުމުގެ މައްސަލަ ސެނެޓަށް ހުށައަޅުއްވައިފައެވެ. އޭނާ ނިސްބަތްވަނީ ރައީސް ޖޯ ބައިޑެންގެ ޑިމޮކްރަޓިކް ޕާޓީއަށެވެ. މިވަގުތު ސެނެޓުގެ ކޮންޓްރޯލް އޮތީ ޑިމޮކްރެޓުންނަށެވެ. ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ނުވަތަ ހައުސްގެ ކޮންޓްރޯލްވެސް އޮތީ ޑިމޮކްރެޓުންނަށެވެ. އެހެންވީމާ މިދެގެއިން ފާސްކޮށްގެން ޑީސީއަށް ސްޓޭޓެއްގެ ދަރަޖަ ދިނުމަކީ ޑިމޮކްރެޓުންނަށް މިވަގުތު ކުރެވިދާނޭ ކަމެކެވެ. މިއީ ސިޔާސީގޮތުން ޑިމޮކްރެޓުންނަށް ފައިދާވާންވެސް އޮތް ނިންމުމެކެވެ.

ސްޓޭޓަކަށް ނުވާތީ ޑީސީގެ ރައްޔިތުން ތަމްސީލުކުރާ މެންބަރުންނެއް ސެނެޓަކު ނުތިއްބަވައެވެ. ގާނޫނުހަދާ މަޖިލީހުގެ ތިރީގޭގައި ވޯޓުދިނުމުގެ އިޚުތިޔާރު އޮންނަ މެންބަރަކުވެސް ޑީސީގެ ފަރާތުން ނުހުންނަވައެވެ. އެކަމަކު ރިޔާސީ އިންތިޚާބުގައި ވޯޓު ލެވެއެވެ. އިލެކްޓޮރަލް ވޯޓުވެސް އޮވެއެވެ. ޑީސީގެ ރައްޔިތުން ބޭނުންވަނީ ސްޓޭޓަކަށްވެގެން އެހެން ސްޓޭޓްތަކުގެ ރައްޔިތުންނަށްވެސް ލިބިފައިވާ ފުރިހަމަ ހައްގު ޑީސީގެ ރައްޔިތުންނަށްވެސް އޮތުމަށެވެ. މިއީ ޑިމޮކްރެޓުން އަބަދުވެސް ތާއީދުކުރާ ކަމެކެވެ. ކޮންމެ ރިޔާސީ އިންތިޚާބެެއްގައިވެސް ޑީސީގެ ރައްޔިތުން ވޯޓުލަނީ ބޮޑުތަނުން ޑިމޮކްރަޓިކް ޕާޓީއަށެވެ. ޑީސީއަށް ސްޓޭޓެއްގެ ދަރަޖަ ނުދޭން ރިޕަބްލިކަން ޕާޓީން ފައިވިއްދާފައި އޮންނަނީ މިހެންވެގެންނެވެ.

އެކި ސަރަހައްދުތަކަށް ސްޓޭޓެއްގެ ދަރަޖަ ދިނުމާއި ނުދިނުމަކީ އަބަދުވެސް ބޮޑު ދެޕާޓީގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން ސިޔާސީ ކުލަ ޖެހިގެން ކުރާ ކަމެކެވެ. ޑީސީއަކީ ޑިމޮކްރެޓުންނަށް ތާއީދުކުރާ ރައްޔިތެެއް އޮންނަ ތަނެއްކަމުން އެތަނަށް ސްޓޭޓެެއްގެ ދަރަޖަ ލިބުމަކީ ޔަގީނުންވެސް ސެނެޓުގެ އިތުރު ދެގޮނޑިއެއް ޑިމޮކްރެޓުންނަށް ކަށަވަރުވުމެކެވެ. އެހެންވެގެން މިކަމާ ރިޕަބްލިކަނުން ދެކޮޅުހަދަމުން އައީއެވެ. މިވަގުތަކީ ރިޕަބްލިކަނުންގެ ދެކޮޅުހެދުންތަކާއެކުވެސް ޑިމޮކްރެޓުންނަށް ކާމިޔާބު ހޯދެން އޮތް ފަހަރެކެވެ. އެހެންވެ ވަގުތު ނަގާނުލައި އަވަސްއަވަހަށް މަޖިލީހަށް މައްސަލަ ވެއްދީއެވެ.

ޑިމޮކްރެޓުންނާއި ޑީސީ ރައްޔިތުން މިކަން އަވަސްކުރުމަށް މިފަހަރު ބޭނުންވުމުގެ އަދި އެހެން ސަބަބެއްވެސް އެބައޮވެއެވެ. ޖެނުއަރީ ހަވަނަ ދުވަހު ރައީސް ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނުހަދާ މަޖިލީހަށް އަރައިގަތުން ހުއްޓުވުމަށް ވޮޝިންޓަން ޑީސީގެ މޭޔަރު ސިފައިންގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން އެކަން އެގޮތަށް ނުހިނގީ ގަވަރުނަރެއްގެ އެދުމަކަށްނުވާތީއާއި ވޮޝިންޓަން ޑީސީއަކީ ސްޓޭޓަކަށް ނުވާތީއެވެ. މިކަން ކުރިޔަށް އޮތް ތަނުގައި ތަކުރާރު ނުވާނީ މިފަހަރު ލިބުނު ތަޖުރިބާގެ އަލީގައި ޑީސީއަށް ސްޓޭޓެއްގެ ދަރަޖަ ދީގެންކަމަށް ގަބޫލުކުރެވިގެންނެވެ. އެކަމަކު މިއީ ވަކި ސްޓޭޓަކަށް ނުވާ ފެޑެރަލް ސަރަހައްދެއްގައި ވެރިރަށް ދެމެހެއްޓުމަށް މީގެކުރިން ގެންގުޅުނު އުސޫލު މުގުރައިލުމެކެވެ.

ވޮޝިންޓަން ޑީސީ އަކީ ވޮޝިންޓަން، ޑިސްޓްރިކްޓް އޮފް ކޮލަމްބިޔާއެވެ. ވޮޝިންޓަނޭ ކިޔަނީ އެމެރިކާގެ ފުރަތަމަ ރައީސްގެ ނަންފުޅަށް ނިސްބަތްކޮށްފައެވެ. ކޮލަމްބިޔާ ޑިސްޓްރިކްޓޭ ކިޔަނީ އެމެރިކާ ކޮންޓިނެންޓް ހޯދި ޔޫރަޕުގެ ސައްޔާހު ކްރިސްޓޮފަރ ކޮލަމްބަހަށް ނިސްބަތްކޮށްފައެވެ. ކޮންމެއަކަސް މިއީ އެމެރިކާގެ ވެރިކަން ކުރުމަށްޓަކައި މެރީލެންޑް ސްޓޭޓުން ބަޔަކާއި ވާޖީނިޔާ ސްޓޭޓުން ބައެއް ވަކިކޮށް ގާނޫނުހަދާ މަޖިލީހަށް އިހުތިސާސް އޮންނަގޮތަށް ގާއިމުކުރެވިފައިވާ 68 އަކަމޭލުގެ ސަރަހައްދެކެވެ. އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަނުގެ ނަންފުޅަށް ނިސްބަތްކުރެވޭ އެހެން ސްޓޭޓެެއްވެސް އޮވެއެވެ. އެއީ އެމެރިކާގެ އެންމެ އިރުއުތުރުގައި އޮންނަ ވޮޝިންޓަން ސްޓޭޓެވެ. ވެރިރަށް ވޮޝިންޓަނަކީ މިދެންނެވި ސްޓޭޓާއި ގުޅުންހުރި ތަނެެއް ނޫނެވެ.

ޑީސީއަކީ އައު ވެރިރަށެއް ގާއިމުކުރުމަށްޓަކައި ޚާއްސަކުރެވުނު ސަރަހައްދަކަށްވާތީ އެއީ މާބޮޑު ސަރަހައްދެއް ނޫނެވެ. އެމެރިކާގެ އެންމެ ކުޑަ ސްޓޭޓަކީ ރޯޑްއައިލެންޑެވެ. އެ ސްޓޭޓުވެސް ޑީސީއަށްވުރެ ވިހިގުނަ ބޮޑެވެ. އާބާދީއަށް ބަލައިފިއްޔާ ޑީސީއަށްވުރެ އާބާދީ މަދު ދެ ސްޓޭޓެއް އެބައޮވެއެވެ. އެއީ ވަރމޮންޓާއި ވަޔޮމިންގެވެ. އެމެރިކާގެ ދައުލަތް އުފެދިގެން އެންމެ ފުރަތަމަ ވެރިކަންކުރީ ނިއުޔޯކް ސްޓޭޓުގެ ނިއުޔޯކް ސިޓީގައެވެ. އެރަށުން ދެން ބަދަލުކުރީ ޕެންސިލްވޭނިޔާ ސްޓޭޓްގެ ފިލަޑެލްފިޔާ ސިޓީއަށެވެ. އެދެތަނުން ވެރިރަށް ނަގައިގެން އައުރަށެއް ބިނާކޮށް އެތަނަށް ބަދަލުކުރުމުގެ ސިއްރަކީ ސްޓޭޓެއްގެ ސަރަހައްދީ ސަރުކާރަށް މަރުކަޒީ ސަރުކާރު ރަހީނުކޮށް ކުޑަކަކޫމައްޗަށް ތިރިކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައެވެ. މިހާރު އަލުން ބަދަލުކުރާން އެއުޅެނީ މިއުސޫލެވެ.