ޚަބަރު

ހަތަރު ރަށެއްގައި އެއާޕޯޓް ހަދައިދޭނެ ބަޔަކު ހޯދަނީ

ހަތަރު ރަށެއްގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އަދި މި މަސައްކަތްތަކަށް އީއޯއައި ހުށަހަޅާއިރު އެއް ލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް އީއޯއައި ހުށަހެޅުމުގެ އިހްތިޔާރު ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ލިބިގެންވާ ކަމަށް އިއުލާނުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތްތަކާ ގުޅޭ ޓާމްސް އޮފް ރިފަރެންސް 31 ޖެނުއަރީ އިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ބުންޏެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

ފިނޭންސް އިން ބުނީ ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާކަން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް އޮތްއިރު، ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް އެބަގެންދެއެވެ.