އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ މިހާރުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ހުސައިން އާއި ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ތާއީދުކުރައްވަނީ އިމްރާނާއެކު އަދާލަތުގެ މަގުސަދާއި އަމާޒަށް ދަތުރުކުރެވޭތީ އޭނާ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ތިންވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވަނީ އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ އިމްރާނަށް ތާއީދުކުރައްވާކަން ޝެއިހް އިލްޔާސް އާއި ޑރ. އިޔާޒް ވަނީ ދާދި ފަހުން އިއުލާންކުރައްވައިފައެވެ.

އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކުރުމަށް އަދާލަތު ޕާޓީން ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމަށެވެ.

"އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަޅުގަނޑަށް ތާއީދުކުރައްވަނީ އަޅުގަނޑަށް އޭޕީގެ މަގުސަދާއި އަމާޒަށް ދަތުރުކުރެވޭތީ. ﷲގެ އިރާދަފުޅާއެކު ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކުރުމަށް އޭޕީ އިން ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދާނަން،" އޭނާ ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި އިމްރާންގެ ރަނިންމޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ޝަރީފެވެ. އަދި ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ނަޝީދެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގެ ކުރިން އެޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ މީހުންނަށެވެ.

އަދާލަތު ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އެއް ޕާޓީއެވެ. އެ ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ.