ޖެންޑާ މިނިސްޓްރީން 2019 ވަނަ އަހަރު އަމަލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާ އެއްގޮތަށްތޯ ބެލުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހެދި އޮޑިޓު ރިޕޯޓުގައި ގަވައިދާ ހިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޖެންޑާ މިނިސްޓަރުކަމަށް ފުރަތަމަ އައްޔަންކުރެއްވީ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޝިދާތާ ޝަރީފެވެ. ޝިދާތާ އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާއްމު ކުރި އޮޓިޑް ރިޕޯޓުގައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ޖެންޑާ މިނިސްޓްރީން ކޮށްފައިވާ ގިނަ ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިހުން މިނިސްޓްރީއަށް ފާސްކޮށްދިން ބަޖެޓުން ހަރަދުކުރި ގޮތުގެ ހިސާބުތަކާއި އެ އަހަރު މިނިސްޓްރީއަށް ލިބުނު އާމްދަނީއާއި ކުރި ހަރަދުގެ ހިސާބު އޮޓިޑް އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުގައި އެކި ސެންޓަރުތަކުގައި ތިބި ކުދިންނަށް ކެއުން ތައްޔާރުކުރަން ބޭނުންވާ ތަކެތި ގަތުމަށް ނަގުދު ފައިސާއިން އެ އަހަރު ހަރަދުކުރި 1،361،403 (އެއް މިލިއަން ތިން ސަތޭކަ ފަސްދޮޅަސް އެއްހާސް ހަތަރު ސަތޭކަ ތިން) ރުފިޔާ ހަރަދުކޮށްފައިވާ ގޮތް އެނގޭނެ ލިޔުން ނެތްކަންވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓުގައި ބުނީ، ގދ. ތިނަދޫގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބޭނުންވާ ތަކެތި ގަތުމަށް 328،770 (ތިން ސަތޭކަ އަށާވީސް ހާސް ހަތް ސަތޭކަ ހަތްދިހަ) ރުފިޔާ ހަރަދުކޮށްފައިވަނީ އިގުތިސޯދީ ގޮތުން ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް އަމަލުކޮށްގެން ނޫން ކަމަށެވެ.
ޕްރޮކިއުމަންޓުގެ އަގު 35،000 ރުފިޔާއަށްވުރެ އިތުރުވާނަމަ، ޝޮޕިން އުސޫލުން މަދުވެގެން ތިން ފަރާތެއްގެ ކޯޓޭޝަން ހޯދުމަށް މާލިއްޔަތު ގަވައިދުން ލާޒިމުކޮށްފައިވީ ނަމަވެސް 2019 ވަނަ އަހަރު ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާއަށް 276،693 ރުފިޔާގެ ތަކެއްޗާއި ހިދުމަތް ހޯދާފައިވަނީ ކޯޓޭޝަން ހޯދުމަކާ ނުލައިކަމުގައިވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ 2019 ވަނަ އަހަރު ޖެންޑާ މިނިސްޓްރީން އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އިދާރާތަކުން ހަރުމުދަލުގެ ރަޖިސްޓްރީ ފުރިހަމަކޮށް ބަލަހައްޓާފައި ނުވާ ކަމަށެވެ. އަދި ތިޖޫރީގެ ހިސާބުކިތާބު ރަނގަޅަށް ބަލަހައްޓާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު