އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.

އެ މައްސަލައިގައި އާތިފް ޝަކޫރުުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ އޭނާ އެފްއައިޔޫގެ އިސްވެރިޔާގެ މަަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ މުއާމަލާތެއް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި ކަމަށް ބުނެއެވެ. އާތިފް އެފްއައިޔޫގެ އިސްވެރިޔާގެ މަގާމު އަދާކުރެއްވީ 4 ނޮވެމްބަރު 2014 އިން ފެށިގެން 21 ޖޫން 2015ގެ ނިޔަލަށެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ މައްސަލައަށް ޖަވާބުދާރީވާން އާތިފް ޝަކޫރަށް ފުރުސަތު ދިނުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުވާއަށް އިންކާރު ކުރޭތޯ ނުވަތަ ނޫންތޯ ކުރިމިނަލް ކޯޓުގެ އިސްގާޒީ ޝަކީލު ސުވާލު ކުރެއްވުމުން އާތިފް ވިދާޅުވީ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ.

ނަމަވެސް އާތިފްގެ އިސް ގާނޫނީ ވަކީލުގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ހަމަޖެއްސުމާ ބެހޭގޮތުން މިއަދުގެ އަޑުއެހުމުގައި ބަހުސް ކުރެވުނެވެ. އެއީ އެ މައްސަލައިގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް މީގެކުރިން އިސް ގާޒީ ނިންމަވާފައިވާތީއެވެ.

އިސް ގާޒީ އެގޮތަށް ނިންމެވީ، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދެވި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ މަޝްވަރާތަކުގައި ނިހާޔަތު ބައިވެރިވެފައިވާތީ، އެ މައްސަލައިގައި މަސްލަހަތު ފުށުއަރާތީއެވެ.

އެކަމާގުޅިގެން ނިހާޔަތު ވިދާޅުވީ، އާތިފްގެ މައްސަލައާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވިކަން ހަނދުމަފުޅު ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ އާތިފްގެ އެހެން ވަކީލުން ތިއްބެވުމާއެކު ޝަރިއަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 23ގައި ކަމަށެވެ.