ކޮވިޑް ޖެހިގެން މިދިޔަ 24 ގަޑި އިރު ތެރޭގައި ކެލިފޯނިއާގައި ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.
އެމެރިކާގައި އެންމެ އާބާދީ ބޮޑު އަދި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ކެލިފޯނިއާގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮވިޑަށް ޕޮޒިޓިވް 764 މީހުން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. މިއީ މިހާތަނަށް ބަލިމަޑުކަން ފެތުރެން ފެށިފަހުން އެއްދުވަސްތެރޭ އެސިޓީން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
ކެލިފޯނިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާއިރު އެސިޓީން މިހާތަނަށް ޖުމުލަ 35،768 މީހުން މަރުވެފައިވާކަމަށް ރެކޯޑް ކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ބުނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެސިޓީން އެކަނިވެސް 23،024 ކޭސް ފެނިފައިވާއިރު ޖުމްލަ ކޭސްތަކުގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް ވަނީ އަރާފައެެވެ.
ކެލިފޯނިއާގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 18،985 މީހުންނަށް ފަރުވާދެމުން އަންނައިރު 4627 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔޭގެ ކޮވިޑް ހާލަތު އެންމެ ގޯސްވެފައިވާކަމަށް ރެކޯޑް ކޮށްފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް 24 މިލިއަަނަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާއިރު ބަލީގައި ހަތަރު ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.