ތިން ގައުމެއްގެ ހާރިޖީ ވަޒީރުންނާއި ފަސް ގައުމަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ވާޗުއަލްކޮށް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވީ ގަޔާނާގެ ފޮރިން މިނިސްޓަރު ހިއުޓޮޓް، ލާއޯސްގެ ފޮރިން މިނިސްޓަރ ސެލުމްޝޭ ކޮމަސިތު އަދި ބެލީޒްގެ ފޮރިން މިނިސްޓަރު އީމޮން ކޯޓްނޭ އާއެވެ. މި ބައްދަލުވުންތަކުގައި އެގައުމުތަކާއެކު ރާއްޖެއިން ދަމަހައްޓަމުން އަންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަގްވާމީ މަސްރަހުގައި ގުޅިގެން އިތުރަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ހާރިޖީ ވަޒީރުންނާއެކު ޝާހިދު މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ތައިލެންޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗުލަމަނީ ޗަރަތްސުވަންއާ އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް އާ އިންޑިއާ އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާ ބައްދަލުކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ. މި މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ.
މީގެ އިތުރުން ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫރީ މަޓޭރީއާވެސް ވަނީ ބައްދަލުކުރައްވައިފައެވެ. އެ މަޝްވަރާތަކުގައިވެސް ދިވެހި ކަނޑުމަހަށް ރަޝިޔާގެ ބާޒާރުން އިތުރު ފުރުސަތު ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.