އެމެރިކާގެ ތާރީހުގައި އެންމެ ފުރަތަމަ ނައިބު ރައީސާގެ މަގާމަށް ކަމަލާ ހެރިސް ހުވާކުރައްވައިފިއެވެ.
އެމެރިކާގެ 46 ވަނަ ނައިބު ރައީސް ކަމަށް ކަމަލާ ހެރިސް ހުވާކުރައްވާފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް، ދަ ކެޕިޓޯލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އުމުރުފުޅުން 56 އަހަރުގެ ކަމަލާ ހެރިސް އެމެރިކާގެ ނައިބު ރައީސް ކަމަށް ހުވާކުރައްވާފައިވާއިރު އެކަމަނާ ވެވަޑައިގެންފައިވަނީ އެމެރިކާގެ ދިގު ތާރީހު ބަދަލު ކޮށްލެއްވި ޝަހުސިއްޔަތެއްގެ ގޮތުގައެވެ.
ކަމަލާ ހެރިސް އަކީ އެމެރިކާގެ ފުރަތަމަ އިންޑިއަން އެމެރިކަން އަދި ފުރަތަމަ އޭޝިއަން އެމެރިކަން ނައިބު ރައީސް އެވެ. ކަމަލާގެ މަންމާފުޅަކީ އިންޑިއާ މީހެކެވެ. އަދި ބައްޕާފުޅަކީ ޖެމެއިކާ ބޭފުޅެކެވެ.
ސެންފްރެންސިސްކޯ ޑިސްޓްރިކްޓްގެ އެޓާނީ މަގާމުގައި ގައުމަށް ހިދުމަތް ކުރައްވަން ފެއްޓެވި ކަމަލާ ވަނީ ކެލިފޯނިއާގެ އެޓާނީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ. ނައިބު ރައީސާގެ ހުވައިކުރެއްވުމުގެ ކުރިން ކަމަލާ ހެރިސް ހުންނެވީ ކެލިފޯނިއާގެ ސެނެޓާގެ މަގާމުގައެވެ.