ކައުންސިލުތަކުގެ އިހުތިސާސް ހިމެނޭ ބިންތަކުން ކުލި ނަގާނަމަ ކުއްޔަށް ހިފާފައިވާ ފަރާތަކާއެކު އާ އެއްބަސްވުމެއް ހަދަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރީން އެގޮތަށް އެންގީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކުގެ އިހުތިސޯސްގައި ހިމެނޭ ބިމާއި ވަސީލަތަކާއި ހަރުމުދަލުގެ ތެރެއިން އެންޓެނާ ޖެހުމަށް ދޫކޮށްފައިވާ ބިންތަކުން ކުލީގެ ގޮތުގައި ލިބޭ އާމުދަނީ ކައުންސިލުތަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމު އަމީރު ސޮއިކުރައްވައި މިދިޔަ ހޯމަ ދުވަހު ނެރުއްވާފައިވާ މާލިއްޔަތާބެހޭ ސާކިއުލާއެއްގައެވެ.

އެ ސާކިއުލާގައި ބުނީ، ނުއުފުލޭ ހަރުމުދާ ގާއިމުކޮށްފައިވާ ބިންތަކުން ކުލި ނަގަމުންދަނީ އެ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތަކަށް ރަޖިސްޓަރީކޮށްގެން ކަމުގައިވާނަމަ، އެ ބިމެއްގެ ރަޖިސްޓަރީ އެ ކައުންސިލަކަށް ބަދަލުކުރުމަށްފަހު ކުއްޔަށްދީފައިވާ ފަރާތަކާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަންވާނެ ކަމަށެވެ. އަދި އެ މަސައްކަތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް ސާކިއުލާގައިވެ އެވެ.