ޑިއޭގޯ އަރްމާންޑޯ މަރަޑޯނާގެ ނަމުން ނަން ދީފައިވާ އާޖެންޓީނާގެ ލީގު ކަޕްގެ ތަށި ބޮކަ ޖޫނިއާސްއިން އުފުލާލައިފިއެވެ.
މަރަޑޯނާގެ މަރާއި ގުޅިގެން އާޖެންޓީނާގެ ލީގު ކަޕްގެ ނަން ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ކަޕަށް ބަދަލު ކޮށްފައިވާއިރު، ރޭ ކުޅުނު ފައިނަލްގައި ބޮކަ ޖޫނިއާސްއިން ބެންފީލްޑް ބަލިކުރީ ޕެނެލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ބޮކަ ޖޫނިއާސް މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލް ބޮކަ ޖޫނިއާސްގެ އެޑްވިން ކަރަމޯނާގެ ޖެހި އިރު، މެޗު ނިމެން މިނެޓް ކޮޅަކަށް ވެފައި ވަނިކޮށް ބެންފީލްޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލޫސިއާނޯ ލޯލޯއެވެ. ބެންފީލްޑުން ގޯލް ޖެހުމުގެ އިރުކޮޅެއް ކުރި ބޮކަ ޖޫނިއާސްގެ އެމެނުއަލް މަސްއަށް ވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ.
ޕެނެލްޓީގައި ބޮކަ ޖޫނިއާސްއިން ހުރިހާ ޕެނެލްޓީ ކާމިޔާބު ކުރިއިރު، ބެންފީލްޑް ސަލާމަތް ކޮށްދިނުމަށް ހޯޒޭ ރޮޑްރިގޭޒް ޖެހި ޕެނެލްޓީ ދިޔައީ ބޭރަށެވެ.
މެޗަށްފަހު ބޮކަ ޖޫނިއާސްގެ ކޯޗު ރަމޮން އަބީލާ ބުނެފައި ވަނީ މި މުބާރާތަކީ މަރަޑޯނާގެ ހަނދާނެއް ކަމަށާއި، ޓީމުގެ އުފާފާޅުކުރުންތައް ހާއްސަ ކުރާނީ އޭނާއަށް ކަމަށެވެ.
ހާޓް އެޓޭކެއް ޖެހި ސިއްހީ ހާލު ގޯސް ވެ، އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ކުއްލި ގޮތަކަށް މަރަޑޯނާ މަރުވުމުން ފުޓުބޯޅަ ދުނިޔެ ވަނީ ހިތާމަ ފާޅުކޮށްފައެވެ. މަރަޑޯނާގެ ހޯމް ކްލަބު ކަމަށްވާ ބޮކަ ޖޫނިއާސްއިންވެސް މަރަޑޯނާގެ ހަނދާނުގައި އެތައް ކަމެއް ކޮށްފައިވާއިރު، އެކި އެކި މޮނިއުމަންޓްތައް މިހާރުވެސް އަންނަނީ ބަހައްޓަމުންނެވެ. ހާއްސަކޮށް ބޮކަ ޖޫނިއާސްގައި އަދިވެސް މަރަޑޯނާއަށް އެކިއެކި ޓްރިބިއުޓްތައް ދެމުން ދެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު