ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ޔޫގެންޑާއިން އެމެރިކާއަށް، އައްދެއައްދޭ ކަލޭމެން ވަކިސަހަލު ހެއްޔެވެ.

އިމާދު ލަތީފު

އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު ރައީސް ޑޮނަލްޑް ޓްރަމްޕު ކުޅުނު ޗަރުކޭހުގެ ނުބައި އަސަރުތައް ވަރަށް އަވަހަށް ދުނިޔެއަށް ފެތުރިއްޖެއެވެ. އިންތިޚާބު ވަގަށް ނެގުމާއި އަނިޔާވެރިވުމަކީ ސިޔާސީ އަޚުލާގުގެ ތެރެއިން ރީތި ސިފައެއްކަމަށް ބައެއް ގައުމުތަކުގެ ވެރިން ބަލަން ފަށައިފިއެވެ. މިކަމުގެ އެންމެ ފުރިހަމަ މިސާލުތައް މިހާރު އެހެރަގެން ތަމްސީލުވަމުންދަނީ އެފްރިކާގެ ގައުމެއްކަމަށްވާ ޔޫގެންޑާގައެވެ. ރައީސް ޔޮވޭރީ މުސެވީނީ ވިދާޅުވާ ކަހަލައެވެ. އޭ ޓްރަމްޕެވެ. އިންތިޚާބެއްގައި ބަލިވިޔަސް އަނެއްކޮޅަށް ނަތީޖާ އަނބުރައިލާނޭގޮތް ކަލެއަށް ނޭނގުނީތާއެވެ. އެކަންކުރާނީ މިހެންނެވެ. ދެންވެސް މަމެންކުރެން މިޒާތުގެ އުކުޅުތައް ދަސްކުރާން އުޅޭށެވެ.

ޔޫގެންޑާގެ ރައީސް މޮސެވީނީއާމެދު އެއްދުވަސްވަރެއްގައި ގަބޫލުކުރެވުނީ އެއީ އެފްރިކާގެ އެންމެ ހިކުމަތްތެރި އެންމެ އުއްމީދީ ލީޑަރު ކަމުގައެވެ. ޔޫގެންޑާގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ އީދީ އަމީނާ ދެކޮޅަށް ހަގުރާމަކުރައްވައި އޭނާ ބަލިކުރައްވައި 1986 ވަނަ އަހަރު މުސެވީނީ ވެރިކަމަށް ވަޑައިގެންފައި ގެންގުޅުއްވާން ފެއްޓެވީ އުފެއްދުންތެރި ބިނާކުރަނިވި ޒަމާނީ ސިޔާސަތެކެވެ. ގައުމުގެ އިގްތިސާދު މިނިވަންކުރައްވައި ފަގީރުކަމާއި ހައިހޫނުކަން ކުޑަކުރެއްވިއެވެ. ޑިމޮކްރަސީ ގެންނަވައި އެއްކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުންނަށް މިނިވަންކަމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭގޮތް ހެއްދެވިއެވެ. ދުނިޔޭގެ ގައުމުތަކާއެކު އޮންނަ ގުޅުންތައް ހަރުދަނާކުރެއްވިއެވެ.

އޭރު އެއީ ޒުވާން މުސެވީނީއެކެވެ. މިހާރު އެހުންނެވީ މުސްކުޅިވެފައިވާ މުސެވީނީއެކެވެ. އުމުރުން ދުވަސްވީވީހެން މުސެވީނީގެ ސިޔާސަތު އައީ ބަދަލުވަމުން ހަރުކަށިވަމުންނެވެ. ޑިމޮކްރަޓިކް ހަމަތައް ދޫކުރައްވައި އިތުރުކުރައްވަމުން ގެންދެވީ ޚުދުމުޚުތާރު ކަމާއި ނުބައިނުލަފާ ޖައްބާރުކަމުގެ ސިފަތަކެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރިޔާސީ އިންތިޚާބެއްގެ ނަމުގައި މުސެވީނީ އިންތިޒާމުކުރެއްވި ތަމްސީލަކީ ޑިމޮކްރަސީއަށް އޭނާ ކުރެއްވި މަލާމާތެކެވެ. ހެޔޮވެރިކަމާއި އުސޫލުތަކުގައި ކޮޅުފައިން ޖެއްސެވުމެކެވެ. މިއަދުގެ މުސެވީނީއަކީ ކުރިން އޭނާ ވަކާލާތުކުރެއްވި އަދި ގަބޫލުކުރެއްވި ހެޔޮ ހުރިހާ ސިފަތަކުން މަހުރޫމުވެފައިވާ އަނިޔާވެރިއެކެވެ.

ބުރާސްފަތި ދުވަހުގެ އިންތިޚާބަށްފަހު މުސެވީނީ އެހުންނެވީ ވިދިވިދިގެން ރިޔާސަތުގެ ހަވަނަ ދައުރަކަށް ހޮވިވަޑައިގެންނެވެ. ގާނޫނުއަސާސީ ބުނާގޮތުން ކުރިމައްޗެއްވެސް ނުލެވެއެވެ. އުމުރުފުޅުން މިހާރު 76 އަހަރު ވެފައިވާތީއެވެ. މިހުރަސް ނައްތައިލުމަށްޓަކައި މުސެވީނީ އެންމެ ފުރަތަމަ ކުރެއްވިކަމަކީ ގާނޫނުއަސާސީ ބަދަލުކުރެއްވީއެވެ. އުމުރު ބަޔާންކުރާ މާއްދާ ފޮހެލެއްވީއެވެ. އެއަށްފަހު އެމެރިކާއާއި ޔޫރަޕުގެ އިއްތިހާދުގެ އޮބްޒާވަރުން އެކްރެޑިޓްކުރުން ހުއްޓައިލީއެވެ. ޔޫގެންޑާގެ މޮނިޓަރުންގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކުރީއެވެ. ވޯޓުލުމުގެ ދެދުވަސްކުރިން ޔޫގެންޑާގައި ފޭސްބުކް ބްލޮކްކުރިއެވެ. އޭގެ އަނެއްދުވަހު މުޅި އިންޓަރނެޓްވެސް ބްލޮކްކުރިއެވެ.

މުސެވީނީގެ ފަރާތުން އެންމެ ބޮޑު ދުއްތުރާތަކާއި ކުރިމަތިލާން ޖެހުނީ އުމުރުން 38 އަހަރުވީ ބޮބީ ވައިންއެވެ. މި އިންތިޚާބުގައި މުސެވީނީއާ އެންމެ ބޮޑަށް ވާދަކުރެއްވީ އޭނާއެވެ. ޔޫގެންޑާގެ ޒުވާނުންގެ ތާއީދު އޮތީވެސް އޭނާއަށެވެ. އިންތިޚާބުގެ ތެރޭގައި ތިންފަހަރުމަތިން ބޮބީ ވައިން ހައްޔަރު ކުރެވުނެވެ. އޭނާގެ އެހީތެރިންގެ ތެރެއިން މަދުވެގެން ހާހެއްހައި މީހުން ޖަލަށް ލެވުނެވެ. ހަށިފާރަވެރިޔާ މަރައިލެވުނެވެ. ގާނޫނީވަކީލުވެސް ޖަލަށް ލެވުނެވެ. މިވަރަކުން އަދި ނުފުދެއެވެ. ބޮބީ ވައިންއަށް ތާއީދުކުރާ މީހުން ބޭއްވި ބޮޑު އެއްވުމެއްގެ ތެރެޔަށް ސިފައިން ބަޑިޖަހައި މަދުވެގެން ފަންސާސް ހަތަރު މީހަކު މަރައިވެސްލިއެވެ.

މިހުރިހާ ކަމެއް މިގޮތަށް ހިނގާފައި އޮތަސް ވޯޓުލީ ދުވަހު މާބޮޑެތި ހަމަނުޖެހުންތަކެއް ނުހިނގައެވެ. ވޯޓުލުން ކުރިޔަށް ދިޔައީ ހަމަހިމޭންކަމާއެކުގައެވެ. އިއްޔެއާ ހަމަޔަށް ވޯޓުގެ ފަންސާސް އިންސައްތަޔަށްވުރެ ބޮޑު ބައި ގުނައި ސާފުކުރެވުނުއިރު އޭގެތެރެއިންވެސް މުސެވީނީއަށް ފަސްދޮޅަސްދެ އިންސައްތަ ވޯޓު ލިބިފައިވާކަމަށްވެއެވެ. މިއީވެސް މުއުޖިޒާތެއްފަދަ ކަމެކެވެ. ވޯޓުލުމުގެ ކުރިން އެއްކުރެވުނު ޚިޔާލުހޯދުންތަކުން މުސެވީނީއަށް ފަންސާސްއިންސައްތަވެސް ހަމަކުރެވެނީއެއް ނޫނެވެ. އެކަމަކު ވޯޓުފޮށިތަކުގައި ހުރިކަމަށްވަނީ އޭނާގެ ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓް ބޮބީ ވައިން ވަނީ މިއީ ބޮޑުވެގެންވާ އޮޅުވައިލުމެއްކަމަށް ވިދާޅުވެފައެވެ. މަކަރުހެދި ކަމުގެ ސާބިތުހެކި އެބަހުރިކަމަށްވެސް ވިދާޅުވިއެވެ.

ބޮބީ ވައިން މިހެން ވިދާޅުވުމާއެކު ސިފައިންވަނީ އޭނާ ހުންނަވާގެޔަށް ވަދެގެންފައެވެ. މިވަގުތު ބޮބީ ވައިން ހުންނެވި ތަނެއްވެސް އަދި ހުންނެވި ހާލެއްވެސް ސާފެއް ނޫނެވެ. ރައީސް މުސެވީނީ މިއަދު ނޫނީ މާދަމާ އޭނާގެ ބޮޑުވެގެންވާ ކާމިޔާބީ އިއުލާންކުރައްވާނޭ ކަމަށް ބެލެވެއެވެ. އެކަން އިއުލާންކުރެއްވުމާއެކު މުސެވީނީއާ ދެކޮޅު މީހުންތައް ރަށުތެރެއަށް ނިކުމެ އިހުތިޖާޖުކޮށް ގައުމު ހަމަނުޖެހުންތަކެއްގެ ތެރެޔަށް ގެނބިގެން ދިއުމުގެ ބިރުވެސް ނުހަނު ބޮޑެވެ. ކިތަންމެ ގިނަބައެއްގެ ލޭ އޮހޮރުވައިގެންވިޔަސް މުސެވީނީ އެހުންނެވީ ވެރިކަން ދިފާއުކުރައްވާ ގޮތަށެވެ. ގައުމު ކޮންމެ އަނދަވަޅަކަށް ވެއްޓުނަސް ފަރުވާލެއް ނެތެވެ.

ރައްޔިތުން ވޯޓުދިނަސް ނުދިނަސް ވެރިކަމުގައި ދެމިހުންނެވުމަށް ރައީސް މުސެވީނީ ގެންގުޅުއްވި އަނިޔާވެރިކަމުގެ އަމަލުތައް ފެނިފައި ދުނިޔެއިން ހޯހޯއޭ އެބަގޮވައެވެ. އެމެރިކާއިންވެސް ބަޔާނެއް ނެރެފިއެވެ. ޚާރިޖީވަޒީރު މައިކް ޕޮމްޕިއޯ ނެރުއްވި ބަޔާނުގައިވެއެވެ. މަކަރުހަދައިގެން އަނިޔާވެރިކަން ކުރިޔަށް ނެރެގެން ލޭއޮހޮރުވައިގެން ތިޔަހިންގީ ގޯސް އަމަލެކެވެ. މިބަޔާން ނެރުމާއެކު ޔޫގެންޑާގެ ސަރުކާރުން ބުންޏެވެ. އައްދެއައްދޭއެވެ. އެމެރިކާއަކީ ބަޔަކަށް ނަސޭހަތްދެވޭ ހާލަތުގައިއޮތް ގައުމަކީ ހެއްޔެވެ. ކަލޭމެންނާއި ކަލޭމެންގެ ރައީސްގެ އަޚުލާގު ވަރަށް ރީއްޗަށް މުޅިދުނިޔެއަށް ފެނިއްޖެއެވެ. ތިޔަޒާތުގެ ކަންކަމުގައި އަނގަ ހުޅުވުމުގެ ހައްގުވެސް ކަލޭމެންނަކަށް ނެތެވެ. އެހެންވީމާ ހިމޭނުން ތިބެހެރެއެވެ.