އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 19 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.
މީގެ ކުރިން އެ އިންތިހާބަށް ކުރިމަތިލެވޭނެ އެންމެ ފަހުގެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ދުސްތޫރުގެ ދަށުން ތިން ވަނަ ދައުރުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 19 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މުއްދަތުގެ ކުރިން މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމާއި ކުށުގެ ރެކޯޑު ހުށަހެޅުމަށް އިއުލާނުގައިވެ އެވެ.
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބޭ މީހުންނަށެވެ.
އަދާލަތު ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެއް ޕާޓީއެވެ. އެޕާޓީގެ ރައީސަކީ ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޝައިހް އިމްރާން އަބްދުﷲ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު