ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ޓްރަމްޕު ކުރީ ހުތުރުވެގެންވާ ބަޣާވާތެކެވެ.

އިމާދު ލަތީފު

ގައުމެއްގެ ރައީސަކު އިންތިޚާބުން ބަލިވީމާ ނަތީޖާ ގަބޫލުނުކޮށް ގާނޫނުހަދާ މަޖިލީހަށް ގޭންގްސްޓާރުން ވައްދައިގެން ހަމަނުޖެހުން ހިންގައި ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ބިރުދައްކައި ގާނޫނުއަސާސީ އިރާލައި މަގާމުގައި ދެމިހުންނަން ކުރާ މަސައްކަތަށް ކިޔާނީ ކޮން ނަމެއް ބާވައެވެ. އެބާވަތުގެ ކަންކަމަށް ދިވެހީން ކިޔަނީ ބަޣާވާތް ކުރުމެވެ. އެއީ ހަރާމް ބަޣާވާތެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބޮޑުވެގެންވާ ބަލިވުމަކުން ބަލިވުމަށްފަހުވެސް މަގާމުގައި ދެމިހުރުމަށްޓަކައި ރައީސް ޑޮނަލްޑް ޓްރަމްޕު ހިންގީ މިފަދަ ހުތުރުކަން ބޮޑު ބަޣާވާތެކެވެ. ދިވެހިރާއްޖޭގައި ނަމަ ދެން އޭނާއަށް ކިޔާނީ ރައީސް ޓްރަމްޕެއް ނޫނެވެ. ބާޣީ ޓްރަމްޕެވެ.

އެމެރިކާގެ ދައުލަތް 4 ޖުލައި 1776 ގައި ގާއިމުކުރެވުނު ފަހުން އެދައުލަތާ ދެކޮޅަށް ބަޣާވާތެއް ހިނގާފައިވަނީ ދެފަހަރަކުއެވެ. އެންމެ ފުރަތަމައީ އެމެރިކާގެ ދާޚިލީ ހަނގުރާމައެވެ. ދެވަނައީ މިފަހަރު ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ހިންގި ބަޣާވާތެވެ. މި ބަޣާވާތް ނާކާމިޔާބުވިޔަސް އޭގެ ނުރައްކާތެރިކަމާއި ހުތުރުކަން ކުޑައެއް ނޫނެވެ. ޓްރަމްޕުގެ ބަޣާވާތުގެ ނުރައްކާ ކިތަންމެހާވެސް ބޮޑެވެ. ގާނޫނުހަދާ މަޖިލީހުގެ އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. ފަސްމީހަކު މަރުވިއެވެ. އޭގެތެރޭގައި ސަލާމަތީ ފައުޖެއްގެ މީހަކުވެސް ހިމެނެއެވެ. ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ ނަން ކިލަނބުވިއެވެ. އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބުނެވެ. ސިޔާސީގޮތުންނާއި އެނޫންވެސް ގޮތްގޮތުންނެވެ.

ޖެނުއަރީ ހަވަނަ ދުވަހު އެމެރިކާގެ ގާނޫނުހަދާ މަޖިލީސް އެއްތަންވެ އައު ރައީސް ޖޯ ބައިޑެންގެ އިންތިޚާބީ ކާމިޔާބީގައި ސިލްޖަހަން ތައްޔާރުވަމުން ދަނިކޮށް އެތަނަށް ސަޕޯޓަރުން ފޮނުވައިގެން ޓްރަމްޕު ހިންގި ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ އޭނާގެ ބޮލުގައި އެޅެއެވެ. އެތަނަށް މީހުން ފޮނުވީ އޭނާއެވެ. އެމީހުން ރުޅިއަރުވައިލައި ލޭއޮހޮރުވުމަކަށް ހިތްވަރުދިނީވެސް އޭނާއެވެ. މިއީ ޝައްކެއްނެތި ފެންނާން އޮތް ހަގީގަތެކެވެ. މިކަމުގައި ޓްރަމްޕާ އެއްވަރަކަށް އޭނާގެ ގާނޫނީ ވަކީލު ރޫޑީ ޖިއުލިއާނީގެ ދައުރެއްވެސް އޮތެވެ.

ލޭއޮހޮރުވައިގެންވެސް ޓްރަމްޕަށް ކާމިޔާބު ހޯދައިދޭން ދާށޭ އެންގީ ޖިއުލިއާނީއެވެ. އެހެންވީމާ އެމެރިކާގެ ޑިމޮކްރަސީއާއި ގާނޫނުއަސާސީގެ ހައްގުގައި ބާޣީންނަށް އަދަބުދޭން އެބަޖެހެއެވެ. ހައްޔަރުކޮށް ސަރިޔަތަށް ގެންގޮސް ނިޔާވެސް އިއްވާން އެބަޖެހެއެވެ. މީން އެއްވެސް ކަމެއް ނުކޮށް އަނެއްކާވެސް އައުދައުރަކަށް ކުރިމަތިލާން ޓްރަމްޕަށް ފުރުސަތު ހުޅުވައިގެން ތިބުމަކީ އެމެރިކާގެ ސިޔާސީ ދުސްތޫރީ ނިޒާމުން ބަޣާވާތުގެ ސަގާފަތަށް ޖާގަދީގެން އެކަމަށް އެއްބަސްވެގެން ތިބުމެކެވެ. މިއީ ދުނިޔޭގެ ލީޑަރު ކަމަށް ދައުވާކުރަންޏާ އެމެރިކާއަށް ފަރުޖެއްސޭނެ ކަމެއް ނޫނެވެ.

އެމެރިކާ އަކީ ސިޔާސީ އަޚުލާގާއި ގާނޫނީ އަޚުލާގުގެ ވާހަކައިން ދުނިޔެއަށް ނަސޭހަތްދެމުން އައި ގައުމެވެ. ޑިމޮކްރަސީއާއި ޑިޕްލޮމަސީގައި ދުނިޔެއަށް ނަމޫނާ ދައްކަމުން އައި ގައުމެވެ. އެގައުމުގެ ރައީސާއި ވަޒީރުންނާއި ގާނޫނުހަދާ މަޖިލީހުގެ މެންބަރުން އިންތިޚާބުތަކުގެ ނަތީޖާ ގަބޫލުނުކޮށް ފޮހެވޭ ދެއްޔާއި ވެއްޓޭ ފާހަގައިގެ ބުހުތާނުން ނަޖިސްވެގެންތިބެ ދުނިޔޭގެ އެހެން ގައުމުތަކަށް ދެއްކޭނެ ނަމޫނާއެއް އޮންނާނެތޯއެވެ. ނުއޮންނާނެއެވެ. އަދާކުރެވޭނެ ލީޑަރޝިޕެއްވެސް ނޯންނާނެއެވެ. މިކަން މިހާރުވެސް ފެންނާން ފަށައިފިއެވެ. ދުނިޔޭގެ ގައުމުތަކުން ފާޅުގައި އެމެރިކާއަށް މަލާމާތް ކުރަން ފަށައިފިއެވެ. މިތުރުންނާއި ހަތުރުންވެސް ހިމެނޭގޮތުންނެވެ.

އެމެރިކާއަށް ގެންނަން ޓްރަމްޕު މަސައްކަތްކުރި ބަޣާވާތަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ޚުދުމުޚުތާރު ވެރީންނަށް ލިބުނު ހިތްވަރެކެވެ. ޓްރަމްޕުގެ ކިބައިން ހިތްވަރު ލިބިގެން ޑިމޮކްރަސީ މުގުރާލައި ގާނޫނުއަސާސީ އިރާލައި ވެރިކަން ދަމަހައްޓަން ބޭނުންވާ ޖައްބާރު ވެރީން މިހާރުވެސް ފާޅުވެ އެނގޭން ފަށައިފިއެވެ. އޭގެތެރެއިން އެކަކީ ޔޫގެންޑާގެ ރައީސް މުސެވީނީއެވެ. އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އިދިކޮޅު މީހުން އުލުބައިންދަމުން ހިތަށްއެރިހާ ގޮތަކަށް އަމަލުކުރަމުން މުސެވީނީ އެގެންދަނީ ދުނިޔެއިން އެކަމާ އަޅައިނުލާނޭ ކަމާއި އެންމެންގެ ލޯތައް އެމެރިކާއަށް އަމާޒުވެފައިވާކަން ދަނެގެންނެވެ. މިމަގުން ދަތުރުކުރާނޭ ކިތަންމެ ވެރީންނެއް އަދިވެސް އެބަތިއްބެވެ.

ދުނިޔޭގެ ޑިމޮކްރަސީގެ ބަފައިކަމަށް އެންމެންވެސް ގަބޫލުކުރާ އެމެރިކާއަށް ޓްރަމްޕު ގެންނާން އުޅުނު ބަޣާވާތް ނާކާމިޔާބު ވެއްޖެއެވެ. އޭނާއަށް ދެން ވެރިކަމުގައި ދެމިނުހުރެވޭނެއެވެ. އެކަމަކު އޭގެ މާނަޔަކީ ޓްރަމްޕުގެ ބިރުވެރިކަމުން އެމެރިކާއާއި ދުނިޔެ ސަލާމަތް ވުމެއް ނޫނެވެ. އޭނާގެ ދައުރު އަދި ނުނިމެއެވެ. ބާކީ ހަފުތާއެއްހައި ދުވަސް އެބައޮތެވެ. މީހާޔަކީ ބުއްދި ލުހިފައިވާ މަޖްނޫނެކެވެ. މީހާގެ ޝައުގަކީ ތިމަންނާޔަކީ އެންމެ މޮޅު އެންމެ ބުއްދިވެރި އެންމެ ދުރުވިސްނޭ ލީޑަރުކަން އެންމެނަށް ދެއްކުމެވެ. މިވިސްނުމުގައި އޭނާ ހަނގުރާމައެއްވެސް ފަށައިފާނެއެވެ. ލޭއޮހޮރުވުމެއް ހިންގައިފާނެއެވެ. މިކަމުގެ ކުލަވަރު އެބަފެނެއެވެ.

ޓްރަމްޕުގެ ރިޔާސީ ދައުރުގެ އިރު ފެނަށް ތިރިވެފައިވަނިކޮށް އޭނާގެ އަމުރަށް ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އައު ކުޅިވަރެއް ފަށައިފިއެވެ. ޔަމަނުގެ ހޫސީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފިއެވެ. އަލްގާއިދާ ޖަމާއަތް މިހާރު ހަރަކާތްތެރިވަނީ އީރާނުގައި ކަމަށްވެސް ނިންމައި އިއުލާންކޮށްފިއެވެ. ހެއްކެއް ގަރީނާއެއް ދެއްކުމެއް ނެތިއެވެ. ހުރިހާ ވައްތަރެއްގެ ހަތިޔާރުން ހަމަލަދެވޭ ޒާތުގެ މަނަވަރާއި ސަބްމެރީން އީރާނުގެ އައްސޭރިޔާ ގާތަށް ފޮނުވައިފިއެވެ. މިއުޅެނީ ކީއްކުރަން ބާވައެވެ. މަގްސަދަކީ ދައުރު ނިމުމުގެ ކުރިން ޓްރަމްޕުގެ ގަޓު ދެއްކުން ކަމަށް ވެދާނެއެވެ. އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުން ކަމަށް ވެދާނެއެވެ. ދުނިޔެ ބަޣާވާތްކުރަން އުޅުމަކަށް ވެދާނެއެވެ. އެހެންވީމާ މިއީ މުޅި ދުނިޔެ ނޭވާ ހިފަހައްޓައިގެން ތިބެން މަޖްބޫރުވެފައިވާ ވަގުތުކޮޅެކެވެ.