ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ދެވަނަ ފަހަރަށް ޓްރަމްޕު އިމްޕީޗް ކުރުމުގެ މާނަޔަކީ ކޮބާ؟

އިމާދު ލަތީފު

އެމެރިކާގެ ގާނޫނުއަސާސީއާ ދެކޮޅަށް ބަޣާވާތްކުރުމަށާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިނުމުގެ ކުށުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވަނީ އިމްޕީޗްކޮށްފައެވެ. މިއީ ރައީސް ޓްރަމްޕު އިމްޕީޗް ކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް ޓްރަމްޕު ވަނީ އިމްޕީޗްކުރެވިފައެވެ. އެމެރިކާގެ މުޅި ތާރީޚުގައިވެސް ޓްރަމްޕު ފިޔަވައި އެހެން ރައީސަކު ދެފަހަރު އިމްޕީޗްކުރެވިފައެއް ނުވެއެވެ. މީގެ ކުރިން އިމްޕީޗް ކުރެވުނު އަނެއް ދެ ރައީސުންނަކީ 1998 ގައި ބިލް ކްލިންޓަނާއި 1868 ގައި އެންޑްރޫ ޖޯންސަނެވެ.

ރައީސް ޓްރަމްޕު ކުރީފަހަރު އިމްޕީޗް ކުރެވުނީ މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި ދޮގުހުވައިކުރުމުގެ ކުށުގައެވެ. މިފަހަރު އޭނާ އިމްޕީޗްކުރެވުނީ މިމަހު ހަވަނަ ދުވަހު ސަޕޯޓަރުން ނެރެގެން ގާނޫނުހަދާ މަޖިލީހުގެ އިމާރާތަށް ގެއްލުންދީ ހަމަނުޖެހުންހިންގި މައްސަލައިގައެވެ. ޓްރަމްޕު އިމްޕީޗްކުރަން އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ތެރެއިންވެސް ދިހަ މެންބަރަކު މިފަހަރު ވޯޓުދީފައިވެއެވެ. ގާނޫނުހަދާ މަޖިލީހުން ޓްރަމްޕު އިމްޕީޗްކުރުމުގެ މާނަޔަކީ ކޮބައިބާވައެވެ. އޭނާއަށް މަގާމު ގެއްލުނީ ބާވައެވެ.

އިމްޕީޗްކުރުމަކީ މަގާމު ގެއްލުމެއް ނޫނެވެ. އިމްޕީޗުކުރުމޭ ބުނެވޭ ބަހުގެ މާނަޔަކީ މަގާމުގައި ދެމިހުރި ރައީސަކާމެދު ކުށުގެ ތުހުމަތުކުރެވި ރަސްމީކޮށް ދައުވާ އުފުލުމެވެ. މަގާމުގައި ހުންނަ ރައީސަކު ކޯޓަށް ހާޒިރު ކުރުމެއް ނޯންނާނެއެވެ. ރައީސުންގެ މައްޗަށް ދައުވާ އުފުލާނީ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިންނެވެ. ސަރިޔަތް ހިންގާނީ ގާނޫނުހަދާ މަޖިލީހުގެ މަތީގެއިންނެވެ. އެއީ ސެނެޓެވެ. މަގާމު ގެއްލޭނީ ސެނެޓުގައި ހިންގާ ސަރިޔަތުން ކުށްވެރިވާކަމަށް ނިންމުމުންނެވެ. އަދި ދުވަހަކުވެސް ސެނެޓުގައި ރައީސަކު ކުށްވެރިވެފައެއް ނުވެއެވެ. މަގާމު ގެއްލިފައެއް ނުވެއެވެ.

މަގާމުގައި ހުންނަ ރައީސަކާ ދެކޮޅަށް ކުށެއްގެ ދައުވާ އުފުލުމަށް ގާނޫނުހަދާ މަޖިލީހުގެ ތިރީގޭގެ ސިމްޕަލް މެޖޯރިޓީއަކުން ފުދެއެވެ. އެކަމަކު ސެނެޓުގައި އެދައުވާ ސާބިތުކަމަށް ނިންމައި މަގާމުން ވަކިކުރުމަށް ސެނެޓުގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތު ބޭނުންވާނެއެވެ. ކުރީފަހަރުވެސް ޓްރަމްޕު ސަލާމަތްވީ މި މަރުހަލާގައެވެ. މިއީ ވަރަށް ދަތި އުނދަގޫ މަރުހަލާއެކެވެ. ރައީސަކު މަގާމުން ދުރުކުރުމަކީ އުނދަގޫ ކަމަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީ ފަރުމާކުރެވިފައިވާ ގޮތުން ދިމާވާ ދައްޗަކީއެވެ. މިފަހަރުވެސް ޓްރަމްޕު ކުށްވެރިވާ ކަމަށް އެވަރުގެ ބޮޑު އަގުލަބިއްޔަތެއް ކަށަވަރެއް ނޫނެވެ.

ޓްރަމްޕުގެ ރިޔާސީ ދައުރު ހަމަވާން ދެން ބާކީއޮތީ ހަފުތާއެއްހައި ކުޑަކުޑަ ދުވަސްކޮޅެކެވެ. ސެނެޓުގައި ސަރިޔަތެއް ހިންގާހައި މުއްދަތެއް ނެތެވެ. އާ ރައީސް ޖޯ ބައިޑެން މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިމަހު ވިހީގައެވެ. ސެނެޓު އޮތީވެސް މިމަހުގެ ނަވާރަވަނަ ދުވަހާ ހަމަޔަށް ޗުއްޓީގައެވެ. އެހެންވީމާ މިކަމަކީ ރައީސްކަމުން ޓްރަމްޕު ދުރުކުރުމަށްވުރެ އަދި އެހެން މަގްސަދެއް އެކުލެވޭ ކަމެކެވެ. އެކަމަކީ އިތުރު ދައުރަކަށް ކުރިމަތިލުމާއި ރަސްމީ އެއްވެސް މަގާމަކަށް އައުމުގެ ދޮރު އަބަދުގެ އަބަދަށް ޓްރަމްޕަށް ބަންދު ކުރުމެވެ.

އެމެރިކާގައި ރައީސަކަށް އެންމެ ގިނަވެގެންވެސް މަގާމުގައި ހުރެވޭނީ ދެދައުރުގައެވެ. ޓްރަމްޕު މިފަހަރުގެ އިންތިޚާބުގައި ބަލިވިޔަސް ގާނޫނީ ގޮތުން އަދި އެއްދައުރަށް ކުރިމަތިލުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ. ދެހާސްސައުވީހުގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދާނެކަން ޓްރަމްޕު ވަނީ އިއުލާންވެސް ކޮށްފައެވެ. އެހެންވީމާ ރިޕަބްލިކަލުންނާއި ޑިމޮކްރެޓުންގެ މިހާރުގެ މަގްސަދަކީ އެ ދޮރު ޓްރަމްޕަށް ބަންދު ކުރުމެވެ. ދައުރު ހަމަވިޔަސް ސެނެޓުގައި ކުރިޔަށް ގެންދެވޭ ސަރިޔަތަކުން ޓްރަމްޕު ކުށްވެރިވާކަމަށް ނިންމައިފިނަމަ އާދައުރެއްގެ ދޮރު އޭނާއަށް މުޅިން ބަންދުވީއެވެ.

ޔަގީނާ ގާތަށް ލަފާކުރެވޭ ގޮތުގައި ޓްރަމްޕުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަށް ގާނޫނުހަދާ މަޖިލީހުގެ ތިރީގެއިން އިއްޔެ ފާސްކޮށް އިމްޕީޗުކުރިޔަސް ސެނެޓުގައި މިސަރިޔަތް ފަށާނީ އައު ރައީސް ޖޯ ބައިޑެންގެ ރިޔާސީ ދައުރު ފެށުމަށްފަހުއެވެ. ޓްރަމްޕުގެ ވެރިކަންވެސް ނިމުމަށްފަހުގައެވެ. ސެނެޓުގެ ސީނިއަރ މެންބަރުންގެ ވިސްނުމަށް ރިއާޔަތްކުރާއިރު މި ސަރިޔަތް ފެށުން ގާތްކަމަށް ހީކުރެވެނީވެސް ބައިޑެންގެ ރިޔާސަތުގެ ފުރަތަމަ ސަތޭކަދުވަސް ނިމޭފަހުންނެވެ. އައު ސަރުކާރުގެ އެޖެންޑާގެ އެންމެ މުހިއްމު ކަންކަން ތަންފީޒު ކުރުމަށްފަހުގައެވެ. އެހާތަނަށް ދެން މިމައްސަލަ އޮންނާނީ ޕާކް ކުރެވިފައެވެ.

މިކަން އެހެން ގޮތަކަށް އެނބުރުނަސް އެނބުރޭނީ ދައުރުގެ ބާކީމިއޮތް ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ޓްރަމްޕު އަމަލުކުރާ ގޮތަކުންނެވެ. އޭނާއަކީ އަދިވެސް ރައީސެވެ. ބޮޑެތި ބޮޑެތި ބާރުތައް އަދިވެސް އެބައޮތެވެ. އޭގެތެރޭގައި ކުށްވެރިންނަށް މައާފުދިނުމުގެ ބާރުވެސް ހިމެނެއެވެ. ޓްރަމްޕުގެ ކުށްތަކަށް އޭނާ އަމިއްލަޔަށް ރިޔާސީ މައާފެއް ދިނުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެނަމަ އަނެއްކާވެސް އައުގޮތަކަށް މައްސަލަ ފުރޮޅިގެން ހިގައިދާނެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި އެއްވެސް ރައީސަކަށް އަމިއްލަ ނަފުސަށް މައާފެއް ނުދެވޭނެއެވެ. އެހެންވީމާ ޓްރަމްޕަކަށްވެސް އޭނާގެ އަމިއްލަ ކުށްތަކަށް މައާފެއް ނުދެވޭނެއެވެ. އެކަމަކު މިނޫންގޮތަކަށް މިކަން ދެކޭ އަދި ތަރުޖަމާކުރާ މީހުން މަދެއް ނޫނެވެ.