ޚަބަރު

ފަތުރުވެރިން އެރުވުމާ ދެ ކޮޅަށް ނިލަންދޫގައި މުޒާހަރާ ކޮށްފި

ރިފާ ހަލީލު

ފަތުރުވެރިން އެރުވުމާ ދެ ކޮޅަށް ފ. ނިލަންދޫގައި މުޒާހަރާ ކޮށްފި އެވެ.

ނިލަންދޫ ކައުންސިލް ރައީސް މުހައްމަދު ޖަލީލް "ވަން"އަށް މައުލުމާތު ދެއްވަމުން މިއަދު ވިދާޅުވީ ނިލަންދޫގެ މަދު ރައްޔިތުންތަކެއް މިއަދު ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކުރި ކަމަށެވެ. އަދި މި ހާލަތުގައި ފަތުރުވެރިން އެރަށަށް އެރުވުމާ ދެކޮޅަށް އަޑު އުފުލާފައިވާ ކަމަށެވެ.

ޖަލީލް ވިދާޅުވީ މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުންދިޔައީ މިވަގުތު ރާއްޖޭގެ ހާލަތަށް ބަލައި ނިލަންދޫ އަށް ފަތުރުވެރިން އެރުވުން މަޑުޖައްސާލުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ވެރިންނަށް ދަންނަވަން ކަމަށެވެ. ނަމަވެސް އެރަށުގައި ގެސްޓްހައުސް ހިންގާ ދެ ފަރާތުންވެސް މިވަގުތު ރަށަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ނުކުރާނެ ކަން ކައުންސިލަށް އަންގާފައިވާތީ އެކަމުގެ ކަންބޮޑުވުމެއް ނެތްކަން ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވެފައި ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރަށުގެ ބަޔަކު އައިސް ކައުންސިލް ކައިރީގަ މުޒާހަރާ ކުރި. ފަތުރުވެރިން ރަށަށް ގެނައުމާ ދެކޮޅަށް. ދެން އަޅުގަނޑުމެން ވާހަކަ ދައްކާލިން ރަށުގެ ގެސްޓްހައުސް ހިންގާ ދެ ބޭފުޅުންނާ. އެ ބޭފުޅުން ވިދާޅުވީ އަދި ގެސްޓުން ގެންނަން ބޭނުން ނުވާ ކަމަށް. އަދި ގެނައުމަށް މަސައްކަތްވެސް ނުކުރާ ކަމަށް. އެހެންވީމަ ރައްޔިތުން ޑިމާންޑް ކުރި ކަންތައް ސަރުކާރަށް ދަންނަވާ ހިސާބަކަށް އަދި ނުދޭ. ދެން އަޅުގަނޑުމެން ކައުންސިލްގެ ތިން މެންބަރުންވެސް ރައްޔިތުންނާ ބައްދަލު ކޮށްލާފަ ދެންނެވިން އަދި ރަށަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ނުކުރާ ކަމަށް. އެހެން ކަމުން އެކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށްވެސް ވާނީ އަންގާފަ. އެގޮތަށް ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން މުޒާހަރާ ނިންމާލާފަ އެ ރައްޔިތުން ވެސް ގޮސްފި." އޭނާ ވިދާޅުވީ އެވެ.

މުޒާހަރާ ކުރި ރައްޔިތުން ބުނަމުންދިޔައީ ނިލަންދޫގެ ދަނޑުވެރިންގެ ވިޔަފާރިތައް ހުއްޓުމަކަށް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި މިކަމުގެ ސަބަބުން ރަށުގެ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް ދައްކާނެ ކަމަށެވެ. އަދި ކޮވިޑު ބަލި މަޑުކަމާއެކު މާލެއިން ސިއްހީ ފަރުވާ ހޯދުމުގެ ބަދަލުގައި އެރަށަށް އެހެން ރަށްރަށުން އަންނަ މީހުން ރަށަށް އައުން ހުއްޓޭނެ ކަމަށާއި ރަށްރަށު މީހުންނަށް ނޭރޭ ގޮތަށް ފަތުރުވެރިން ގެނައުމަށް ރައްޔިތުން ބޭނުން ނުވާ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފަ އެވެ. އެހެން ކަމުން ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުމަށް ދީފައިވާ ހުއްދަ ބާތިލް ކުރުމަށް ވަނީ ގޮވާލާފަ އެވެ.

އެޗްޕީއޭއިން ނެރެފައިވާ ޓޫރިޒަމާ ގުޅޭ ގައިޑްލައިންގައި ބުނެފައިވާ ގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ ގެސްޓްހައުސް ހިންގާ ރަށަކުން، ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދާނަމަ، ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ އެވެ. ނަމަވެސް ބައެއް ހާއްސަ ހާލަތްތަކުގައި ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ކަމަށް ބުންޏެވެ. އެގޮތުން ސިއްހީ ބޭނުމަކަށް ނުވަތަ އެފަދަ އެނޫންވެސް ޒަރޫރީ ބޭނުމަކަށް ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދަތުރު ކުރާނަމަ ކަރަންޓީންވާކަށް ނުޖެހޭނެ އެވެ.

އެފަދަ މީހުން ކަރަންޓީންވާން ނުޖެހުނަސް، ގެސްޓްހައުސް ހިންގާ ރަށުގައި އެމީހުން އުޅެން ޖެހޭނީ މާސްކް އަޅައިގެން އަދި ވީހާވެސް މީހުންނާ ބައްދަލު ނުވާނެ ގޮތަށް ކަމަށް ގައިޑްލައިންގައިވެއެވެ. އަދި ގެސްޓްހައުސް ހިންގާ ރަށުގެ ކެފޭ ރެސްޓޯރެންޓުތަކުން ޑައިން އިންގެ ހިދުމަތް ހޯދުމުގެ ބަދަލުގައި ޓޭކްއަވޭ ނުވަތަ ޑެލިވަރީގެ ހިދުމަތް ހޯދުމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ގައިޑްލައިނުގައި ބުނީ، ގެސްޓްހައުސްގައި މަޑުކުރުމަށްފަހު އެހެން ރަށަކަށް ދަތުރުކުރާނަމަ އަދި އާންމުންގެ ތެރޭ އުޅޭނަމަ 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ޖަލީލް އިތުރަށް ވިދާޅުވީ ފަތުރުވެރިން ގެނެސްގެން ހިދުމަތް ދެމުން ނުދާތީ އެ ރަށަށް ވަރަށް ގިނަ ރަށްރަށުން އެކި ބޭނުންތަކަށް މީހުން އަންނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ވިޔަފާރިވެރިންނަށް ވަރަށް ގިނަ ފައިދާތަކެއް ވަމުން އަންނަ ކަމަށެވެ. އަދި ފަތުރުވެރިން ގެނެސް ހިދުމަތްދޭން ފަށައިފިނަމަ ރަށްރަށުން މީހުން ނާންނާނެ ކަމަށް ކައުންސިލަށްވެސް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވި އެވެ.