ޚަބަރު

އެސައިމަންޓު ހަދައިދިނުމުގެ ބާޒާރާއެކު ތައުލީމުގެ ފެންވަރު ދަނީ ދަށްވަމުން: މިނިސްޓަރު

އަލީ ޔާމިން

3

ރާއްޖޭގައި އެސައިމަންޓު ހަދައިދިނުމުގެ ބާޒާރެއް އުފެދިގެން ފުޅާވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ތައުލީމުގެ ފެންވަރު ވެއްޓެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޮލާޝިޕްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމު ހޯދުން މިހާރު ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައި ކަމަށެވެ. އެގޮތުން މުދައްރިސާއި ކިޔަވާ ކުދިންނާ ބައްދަލުނުވެ ދުރުގައި ތިބެގެން ކިޔެވޭނެ އިންތިޒާމުތަކާއި ފުލްޓައިމްކޮށް ވަޒީފާއަށް ދަމުންވެސް ކިޔެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައި ހުންނަ ކަމަށެވެ. ނަމަވެސް އެކަމުގެ އާހިރު ނަތީޖާ ހިތިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވޭތިވެދިޔަ އަހަރުތަކުގައި، ކޮންމެ އަހަރަކު ރާއްޖެއިން ދަސްވެނިވާ މީހުންގެ އަދަދު ހާހުން ގުނޭނެ. މި އަދަދުތަކުން ލިބެންޖެހޭ އުފަލަށް ހިތާމައިގެ ކުލަވަރު ވެރިވާ ސަބަބަކީ، މި ދަސްވެނިންގެ ކިބައިގައި، ވަކި ދާއިރާއަކަށް ހާއްސަ ވުމުން ހުންނަންޖެހޭ ހުނަރާއި ހިކުމަތް، ފޮތްތެރިކަމާއި ހޭލުންތެރިކަން ނުހުންނަކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައިވެސް އެސައިމަންޓް ހަދައިދިނުމުގެ ބާޒާރެއް އުފެދި، ދަރިވަރުން ކަސްޓަމަރުންނަށް ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މަތީ ތައުލީމުގެ ފެންވަރު ވެއްޓެމުންދާ ކަމަށް ވިދާޅުވިއެވެ.

"މަތީ ތައުލީމަކީ މަތީ ނަފާ ނެރެވޭ ވިޔަފާރިއަކަށްވުމުން، ދަރިވަރުން ކަސްޓަމަރުންނަށް ވުމުން، ކަސްޓަމަރުންގެ ހިތްހަމަޖައްސައިދިނުމަށް، ފެންވަރާއި ކޮލިޓީ ގުރުބާން ކުރެވޭކަން. މިކަމުގެ ނޭދެވޭ ނަތީޖާ އެންމެ ބޮޑަށް ބަރުދާސްތު ކުރަންޖެހޭ ފަރާތަކީ މަދަރުސާތައް. މަދަރުސާތަކަށް މުދައްރިސުންގެ ގޮތުގައި ދޭސީ މުދައްރިސުން ވަނުމުން، ދަރިވަރުންނަށް ކުރާ އަސަރު، އެކުދީންގެ މުޅި ހަޔާތަށް ކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެސައިމަންޓު ހަދައިދިނުމުގެ ބާޒާރެއް ރާއްޖޭގައި އުފެދިފައިވާއިރު ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅޭ ބިލުގައި އަގަށް އެސައިންމެންޓް ހަދައިދޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން އެކަން ގާނޫނީ ކުށަކަށް ހެދުމަށް ހިމަނާފައިވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަގަށް އެސައިމަންޓު ހަދައިދޭ ކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް މީގެ ކުރިން ފާޅުކުރައްވާފައިވެއެވެ.