ވެއްޓުނު ފްލައިޓް މިދިޔަ މަހު ވަނީ އިންސްޕެކްޓް ކޮށްފައި ކަމަށާއި، އޭރު ހެދި ޓެސްޓުތަކުން އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މީގެ ތިންދުވަސް ކުރިން ވެއްޓިފައިވާ އިންޑޮނޭޝިއާގެ ސްރިވިޖާޔާ އެއާގެ ފްލައިޓްގެ ބައިތަކާއި އިންސާނުންގެ ހަށިތައް ފުލައިޓް ވެއްޓުނު ސަރަހައްދުން ނެގުމުގެ މަސައްކަތް އެގައުމުގެ ރެސްކިއު ޓިމުތަކުން ކުރަމުން އަންނައިރު، ފްލައިޓު ވެއްޓެން މެދުވެރިވި ސަބަބެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފްލައިޓު ވެއްޓުމުގެ މަހެއްހާ ދުވަސް ކުރިން ހަދާފައިވާ އެއާވޯތިނެސް ޓެސްޓު ތަކުން ފާސްވެފައިވާ ކަމަށާއި، ޕަސެންޖަރުން ނުލައި ޓެސްޓު ދަތުރުތަކެއް ވެސް ކޮށްފައިވާ ކަމަށް ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވާ ގޮތުން ކޮވިޑްގެ ސަބަބުން މިދިޔަ އަހަރުގެ މާޗުން ޑިސެމްބަރާ ދެމެދު ފްލައިޓު ނުދުއްވާ ކަމަށާއި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ޓެސްޓުތައް ހަދާފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީން ވަނީ ފްލައިޓު ވެއްޓި މޫދުގައި ޖެހުނު އިރުވެސް ފްލައިޓުގެ އިންޖީނު މަސައްކަތް ކުރާކަމަށް ލަފާކޮށްފައެވެ. ކޮމިޓީން މިހެން ލަފާކޮށްފައިވަނީ ފްލައިޓުގެ ބައިތަކުގެ ތެރެއިން އިންޖީނަށް ލިބިފައި ހުރި ގެއްލުމަށް ބަލައިފައެވެ.
ފްލައިޓު ވެއްޓުނު ސަރަހައްދުން މީހުންގެ ހަށިގަނޑުގެ ބައިތައް ފެންނަން ފަށާފައިވާއިރު އެގައުމުގެ ފުލުހުން ވަނީ ފްލައިޓުން ދަތުރު ކުރި އެކަކު ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ. ފުލުހުންވަނީ ދެނެގަނެވިފައިވަނީ ފްލައިޓުގެ ކްރޫއެއް ކަމަށްވެސް ބުނެފައެވެ.