ދުނިޔެ

ވެއްޓުނު އިންޑޮނޭޝިއާ ފްލައިޓުގެ ކަޅުފޮށި ކަނޑުއަޑިން ނަގައިފި، މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށް

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން ފުރައިގެން އިރުމަތީ ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓަނަކަށް ދަތުރުކުރަނިކޮށް ވެއްޓުނު ފްލައިޓުގެ ކަޅުފޮށި ކަނޑުއަޑިން ނަގައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޖާވާ ކަނޑަށް ވެއްޓުނު އެ ފްލައިޓުގެ ކަޅުފޮށި އޮތް ސަރަހައްދު ހޯދުމަށްފަހު، ކަނޑުއަޑިން ކަޅުފޮށި ނަގާފައިވަނީ އިންޑޮނޭޝިއާގެ ނޭވީ ޑައިވަރުންނެވެ.

ނޭވީގެ 160 ޑައިވަރުންނާއެކު ހިންގާ އެ އޮޕަރޭޝަނުގައި ނެގި ފްލައިޓުގެ ކަޅުފޮށި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގުކުރާ އިންޑޮނޭޝިއާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ކޮމިޓީ (އެންޓީއެސްސީ) އާއެވެ.

އިންޑޮނޭޝިއާގެ އެއާ ޗީފް މާޝަލް، ހާދީ ޓާޖަންޓޯ ވިދާޅުވީ ކޮކްޕިޓް ވޮއިސް ރެކޯޑަރެއްގެ ގޮތުގައި ބޭނުންކުރާ ދެވަނަ ކަޅުފޮށި ވެސް ވަރަށް އަވަހަށް ފެންނާނެ ކަމަށާއި ހަމަ އެ ސަރަހައްދުން އެ ކަޅުފޮށީގެ ސިގްނަލް ލިބެމުންދާ ކަމަށެވެ.

ފްލައިޓުގެ ކަޅުފޮއްޓާއި ފްލައިޓުގެ ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ރިމޯޓުކޮށް އޮޕަރޭޓުކުރެވޭ ވެހިކަލެއް ޖަކާޓާގެ އުތުރުން އޮންނަ ލަންކަންގް އަދި ލާކީ އައިލެންޑް ކަނޑުގެ ސަރަހައްދަށް ފޮނުވައިގެންނެވެ. ކަޅުފޮށީގެ ސިގްނަލް ހޯދުމަށް "ޕިންގް ލޮކޭޓަރު" ވެސް ބޭނުންކުރެއެވެ.

ވެއްޓުނު ސްރިވިޖާޔާ އެއާ ޖެޓްއަކީ 26 އަހަރުވީ ފްލައިޓެކެވެ. ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗްމަހު ދަތުރުތައް މެދުކަނޑާލުމަށް އެ އެއާލައިނުގެ ދަތުރުތައް އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ހެދި ރައްކާތެރިކަމުގެ އިންސްޕެކްޝަނުން ފާސްވުމުންނެވެ. އެ އެއާލައިނުން ކޮމާޝަލް ދަތުރުތައް ފަށާފައިވަނީ މީގެ އަށް ދުވަސް ކުރިންނެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ފްލައިޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެކަކު ވަނީ ދެނެގަނެފައެވެ. އެއީ އުމުރުން 29 އަހަރުގެ ފްލައިޓް އެޓެންޑެންޓް އޮކީ ބިސްމާގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ދެނެގަނެފައިވަނީ އޭނާގެ ފިންގާޕްރިންޓް ބޭނުންކޮށްގެންނެވެ.

މިހާތަނަށް އެ ފްލައިޓުން ދަތުރުކުރި 74 މީހެއްގެ ހަށިގަނޑު ވަނީ ހޯދައިފައެވެ. ޑީއެންއޭ ޓެސްޓުތަކުން މަރުވި މީހުން ދެނެގަތުމަށް އާއިލާ މެންބަރުންގެ ޑީއެންއޭ ނެގުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.