ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރަން ހަވާލުކޮށްފައިވާ ރިޒް ކުންފުނީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅައިފި އެވެ.
ފުލުހުން މިއަދު ބުނީ، ރިޒް ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލެއް ނުދެ އެވެ.
މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވުމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ރުޅިވެރިކަން ބޮޑުވެ ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އެ އިހްތިޖާޖުގައި ރަށުގެ އެކި ތަންތަނަށާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ދިންއިރު ރަށުގައި މަސައްކަތްކުރާ 13 ދިވެއްސަކު ވެސް ރަހީނުކުރިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އޭރު ބުނީ، ރިޒް ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވާފައިވާކަން ވެސް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެއެވެ.
ފުލުހުން ބުނީ، މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑު އުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާ ކަމުގެ ތުހުމަތު ވެސް ރިޒް ކުންފުންޏަށް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު