އާސެނަލް ދޫކޮށް ދާން ބޭނުންވަނީ ތުރުކީގެ ފެނަބާޗޭ ނޫނީ އެމެރިކާ ލީގަށް ކަމަށް ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފިއެވެ.
އާސެނަލްގެ ސްކޮޑުން ބޭރު ވެ، ބާކީވެފައި ހުރި އޮޒިލް މި ހިނގާ ޓްރާންސްފާ ސީޒަނުގައި ނޫނީ، އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ކްލަބު ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ގިނަ ބަޔަކު ބުނެފައި ވަނީ އާސެނަލްގެ ސްކޮޑުން އޮޒިލް ބޭރުކޮށްފައި ވަނީ ސިޔާސީ ބައެއް ހިޔާލުތަކުގެ ސަބަބުންނާއި، މުސްލިމުންގެ ދިފާއުގައި ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.
އޮޒިލްގެ އުފަން ގައުމު ތުރުކީއާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން އޭނާ ޖަރުމަނު ސްކޮޑުންވެސް ބޭރުކޮށްފައިވާއިރު، މިދިޔަ މަހު މާޗު މަހަށްފަހު އޮޒިލް ވާދަވެރި މެޗެއްގައި ކުޅެފައެއް ނުވެއެވެ. މެޗެއް ނުކުޅުނު ނަމަވެސް އޮޒިލް ފެންނަނީ މީސް މީޑިއާގައި ވަރަށް އެކްޓިވް ކޮށެވެ.
"އާސެނަލް ދޫކޮށްލުމަށްފަހުވެސް ކުޅޭނެކަން ޔަގީން. ހާއްސަކޮށް ދެ ގައުމެއްގައި ކުޅެން ބޭނުން. އެއީ ތުރުކީއާއި އެމެރިކާ. ތުރުކީއަށް ދާނަމަ ދާނީ ފެނަބާޗޭއަށް،" ރިޓަޔާ ކުރަން ވިސްނާތޯ ސުވާލުކުރުމުން އޮޒިލް ބުނެފައި ވެއެވެ.
ތުރުކީގެ ފެނަބާޗޭއިން އޮޒިލް ގެންދަން ތައްޔާރަށް އޮތް ކަމަށް އެ ކްލަބުން ކުރިންވެސް ބުނެފައިވާއިރު، އޮޒިލް އިތުރަށް ބުނެފައި ވަނީ ޖަރުމަނާއި ތުރުކީއަށް ނިސްބަތްވާ ކޮންމެ މީހަކުވެސް ބޮޑުވެގެން އަންނައިރު ތުރުކީގެ ކޮންމެވެސް ކްލަބަކަށް ސަޕޯޓް ކުރާނެ ކަމަށާއި، އޮޒިލްގެ ފެވަރިޓަކީ ފެނަބާޗޭ ކަމަށެވެ.
ފެނަބާޗޭއަކީ ތުރުކީގެ އެންމެ ބޮޑު ކްލަބު. ސްޕެއިންގައި ނަމަ އެއީ ރެއާލް މެޑްރިޑްއޮޒިލް
އޮޒިލްއަކީ މުސްލިމުންގެ ދިފާއުގައި އަޑު އުފުލުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ހާއްސަކޮށް ޗައިނާގައި އަނިޔާ ލިބެމުންދިޔަ އުއިގާ މުސްލިމުންގެ ދިފާއުގައި އޮޒިލް ދެއްކި ވާހަކައިގެ ސަބަބުން މީޑިއާގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ހިނގާފައިވެއެވެ. އޮޒިލްގެ ވާހަކަތަކާއި ގުޅިގެން ކްލަބުން ވަނީ އޭނާއަށް އިންޒާރުވެސް ދީފައެވެ. އެހެން ނަމަވެސް އޮޒިލް ބުނެފައި ވަނީ މުސްލިމް އާބާދީއަށް ކުރިމަތިކުރަމުން ދިޔަ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް އޭނާ އަޑު އުފުލި އުފުލުމުގައި ސާބިތުވެ ހުންނާނެ ކަމެވެ.