ގދ. މާވަރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރުމަށް މޫވިން އިންޓަނޭޝަނަލްއާއެކުވި، އެއްބަސްވުން 2016 ވަނަ އަހަރު ދައުލަތުން ބާތިލްކުރި މައްސަލަ އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަަހަޅައިފިއެވެ.

ގދ. މާހެރާގައި ރިސޯޓެއް ތަރައްގީކުރުމަށް ދޫކޮށް، ބަދަލުގައި މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މޫވިން އިންޓަނޭޝަނަލްއާއެކު ދައުލަތުން ސޮއިކުރީ 10 ޖުލައި 2011 ގައެވެ. އެއީ 30 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ގާއިމްކޮށް ނިންމުމަށެވެ. ނަމަވެސް އެ މުއްދަތުގައި މާވަރުލުގައި އެއާޕޯޓް ގާއިމްކޮށް ނިމިފައިނުވާތީ، މޫވިން އިންޓަނޭޝަނަލްއާއެކުވި އެއްބަސްވުން 11 ފެބްރުއަރީ 2016 ގައި ދައުލަތުން ބާތިލްކުރި އެވެ.

އެކަމާ ގުޅިގެން އެ އެއްބަސްވުން ދައުލަތުން ބާތިލްކޮށްފައިވަނީ، އަމަލު ކުރަންޖެހޭ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެގްރިމެންޓް ބާތިލުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު މޫވިން އިންޓަނޭޝަނަލްއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުން އެދި އެކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމް ކުރީ، އެކަމާބެހޭ ލީސް އެގްރީމެންޓް ދައުލަތުން ބާތިލް ކުރީ، އިޖުރާއަތާ އެއްގޮތަށްކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ އެގްރިމެންޓް ބާތިލުކުރުމުގެ ސަބަބުން މޫވިން އިންޓަނޭޝަނަލް އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ދައުލަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އެ ފަރާތަށް ލިބިގެންނުވާ ކަމަށެވެ.

އަދި އެ ހުކުމް މޫވިން އިންޓަނޭޝަނަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ނިންމީ، ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް އެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލަ ސުލްރީމް ކޯޓަށް ހުށަހަޅުއްވަމުން މޫވިން އިންޓަނޭޝަނަލްގެ ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ، މާވަރުލުގައި އެއާޕޯޓެއް ގާއިމް ކުރުމަށް އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލް ކުރީ ގާނޫނުއަސާސީ އާއި ކޮންޓްރެކްޓާބެހޭ ގާނޫނާ ހިލާފަށް ކަމަށާއި ދެ ފަރާތުން ވެފައިވާ ސީސް އެގްރީމެންޓުގެ ބައެއް މާއްދާތަކާ ވެސް ހިލާފަށް ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި މާވަރުލުގައި އެއާޕޯޓު ގާއިމްކޮށް ނުނިމުނީ، އެކަމަށް ދައުލަތުން ދޭންޖެހޭ އެއްބާރުލުން ނުދިނުމުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ރިސޯޓާއި އެއާޕޯޓް ތަރައްގީ ކުރުމަށް، ގެންނަ ތަކެތިން ފަސް އަހަރުގެ މުއްދަތަށް ޑިއުޓީ މާފު ކޮށްދޭންޖެހޭ ކަމަށް އެގްރީމެންޓުގައި އޮތް ނަމަވެސް ދައުލަތުން އެކަން ކޮށްފައިނުވާ ކަމަށާއި އެ ޕްރޮޖެކްޓުތަކުގެ މަސައްކަތްތަކަށް ގެންނަން ބޭނުންވި މީހުންގެ ކޯޓާ ވެސް ހަމަޖައްސައިދީފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އެގްރީމެންޓް ބާތިލްކުރާއިރު ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނުނިންމުމުން ކުރަންޖެހޭ ޖޫރިމަނާތަކަކާއި ދޭންޖެހޭ އިތުރު މުއްދަތުތަކެއް އެގްރީމެންޓުގައި ކަނޑައަޅާފައިވާއިރު، އެ އެއްބަސްވުން ދައުލަތުން ބާތިލުކުރީ އެކަންތަކަށް އަމަލުނުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭރު އެއާޕޯޓް ހެދުމުގެ މަސައްްކަތަށް އެ ކުންފުނިން 64 މިލިއަން ރުފިޔާ އިންވެސްޓް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން ދައުލަތުން ލީސް އެގްރިމެންޓް ބާތިލްކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް އަދި ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ނިންމައި ހައިކޯޓުގެ ހުކުން ބާތިލް ކޮށްދިނުމަށް މުއިއްޒު ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.

މި މައްސަލައަށް ދައުލަތުގެ ފަރާތުން ޖަވާބު ދެއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލު، އީމާން މުހައްމަދު ރަޝީދު ވިދާޅުވީ ކޮނޑާނަހުއްޓާގައި ރިސޯޓެއް ހެދުމަށް ސަރުކާރުން ހުޅުވައިލީ، އެކަމަށް ކުރިމަތިލައި ކާމިޔާބުކުރާ ފަރާތަކަށް ދެ ގޮތެއް ކަނޑައަޅައިގެން ކަމަށެވެ.

ފުރަތަމަ ގޮތަކީ އެރަށުގައި ރިސޯޓު ހެދުމަށް އެކުއިޒިޝަން ކޯސްޓް ދެއްކުމަށްފަހު އެރަށުގައި ރިސޯޓު ހެދުން ކަމަށާއި ދެވަނަ ގޮތަކީ ދައުލަތުން ދައްކާ ރަށެއްގައި އެއާޕޯޓެއް ތަރައްގީކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެގޮތުންކުރެ، މޫވިން އިންޓަނޭޝަނަލްގެ ފަރާތުން ހިޔާރު ކުރީ ގދ. މާވާރުލުގައި އެއާޕޯޓެއް ހެދުމަށް ހުށަހަޅާފައިވާ ހުށަހެޅުން ކަމަށެވެ. އެއާއެކު 10 ޖުލައި 2011 ގައި އެކަމާބެހޭ އެއްބަސްވުުގައި ދައުލަތުން ސޮއިކުރި ކަމަށާއި ރަށް ހަވާލުކުރާތާ 30 މަސްދުވަހުގެ ތެރޭގައި އެއާޕޯޓު ތަރައްގީކޮށް ނިންމަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ހިމެނިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް 2016 ވަނަ އަހަރު ދައުލަތުން އެ އެއްބަސްވުން ބާތިލް ކުރުމާ ހަމައަށް 60 މަސް ދުވަސް ހޭދަވެފައިވާއިރު ވެސް އެއާޕޯޓް ތަރައްގީކޮށް ހިދުމަތްދޭން ފަށާފައިނުވާ ކަމަށް އޭޖީ އޮފީހުގެ ވަކީލު ވިދާޅުވި އެވެ.

މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް މޫވިން އިންޓަނޭޝަނަލްއާއެކުވި، އެއްބަސްވުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، މާވަރުލު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އެވެ. އަދި އެ ކުންފުނިން އެ މަސައްކަތް ނިންމައި، ހުސްވި 2020 ވަނަ އަހަރުގެ މާޗް މަހު ވަނީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފަ އެވެ.