ށ. ކަނޑިތީމު ފަޅުގައި އޮއްވައި ތެޔޮ ބޯޓެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަލިފާން ރޯވީ އިންޖީނު ގޮވައިގެން ކަމަށް އެ ބޯޓު ވެރިފަރާތުން ބުނެފި އެވެ.
ކަނޑިތީމު ފަޅުގައި އޮއްވައި އަލިފާން ރޯވެފައިވަނީ އަމިއްލަ ފަރާތަކުން ތެލުގެ ވިޔަފާރިއަށް ބޭނުންކުރަމުން އަންނަ "އާރްއައިއާރް ސްޕީޑް" ކިޔާ ތެޔޮބޯޓެއްގަ އެވެ. ހޮނިހިރު ދުވަހުގެ ރޭ 10:15 ހާއިރު ހިނގި މިހާދިސާގައި އެ ބޯޓު ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ތެޔޮ ބޯޓުގެ ވެރިފަރާތް އަދި އެ ބޯޓުގެ ކެޕްޓަން އިބްރާހިމް ހަސަން މިއަދު "ވަން"އަށް މައުލޫމާތު ދެމުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އިރު އެ ބޯޓުގައި ގިނަ އަދަދަކަށް ޕެޓްރޯލާއި ޑީސަލް ހުރި ކަމަށެވެ. އެގޮތުން 3200 ލީޓަރު ޕެޓްރޯލާއި 4000 ލީޓަރު ޑިސަލް އެވަގުތު ބޯޓުގައި ހުރި ކަމަށް އޭނާ ބުންޏެވެ.
އިބްރާހިމް ބުނީ ބޯޓުގައި ރޯވީ ޕެޓްރޯލް އަޅާ ނިންމައިލުމަށްފަހު އިންޖީނު ސްޓާޓްކޮށްލި ވަގުތު އިންޖީނު ގޮވައިގެން ކަމަށެވެ. އަދި އަލިފާންގަނޑު ބޮޑަށް ފެތުރުނީ އިންޖީނު ރޫމުގައި ޕެޓްރޯލްގެ އަސަރު ހުރުމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އަލިފާން ރޯވުމާއެކު ނިއްވާލުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ބޮޑަށް ފެތުރެން ފެށުމުން އޭގައި ތިބި މީހުން ސަލާމްތަކުރުމަށް މަސައްކަތް ކޮށް ވަގުތުން މީހުންތައް އެއްގަމަށް އެރީ ކަމަށް އޭނާ ބުންޏެވެ.
"ޕެޓްރޯލް އަޅާ ނިންމާފަ އަޅުގަނޑުމެން އިންޖީނު ސްޓާޓްކޮށްލި ވަގުތު އިންޖީނު ރޭސް އަރައިގެން ގޮސް ގޮވީ. އޭރު އިންޖީނު ރޫމްތެރޭގަ ކޮންމެވެސް ވަރަކަށް ޕެޓްރޯލްގެ އަސަރު ހުރި. އެހެންވެ އެހާ ބާރަށް އަލިފާން ގަނޑު ފެތުރެން ފެށީ. ނިއްވާލެވޭތޯ މަސައްކަތް ކުރިން. އެކަމަކު އަލިފާންގަނޑު ފެތުރުނުލެއް ބާރު ކަމުން ކޮންޓްރޯލްވާނެ ހެން ހީއެއް ނުވޭ. އެހެންވެ އަވަހަށް ބެލީ ބޯޓުގެ ތިބި ކުދިން ސަލާމަތް ކުރެވޭތޯ. ދެން ހުރިހާ ކުދިިން ގޮވައިގެން އެއްގަމަށް އަރާ ކަމާބެހޭ މުއައްސަސާތަކަށް ގުޅީ." އަލިފާން ރޯވި ގޮތް ކިޔައިދެމުން ބޯޓުގެ ވެރިފަރާތުން ވަން އަށް ބުންޏެވެ.
އިބްރާހިމް އިތުރަށް ބުނީ މި ހާދިސާގައި ގާތްގަނޑަކަށް އެއް މިލއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު ކަމަށެވެ. އަދި ބޯޓު މިހާރު އެއްކޮށް އަޑިއަށް ގޮސްފައިވާއިރު އޭގެން ސަލާމަތް ކުރެވުނީ ހަމަ އެކަނި ދެ ޓޭންކް ކަމަށް ވެސް އޭނާ ބުންޏެވެ.