ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ ބަލިކޮށް، ކްލަބު ގްރީން ސްޓްރީޓްސްއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗު 1-0ގެ ނަތީޖާއަކުން ގްރީން ކާމިޔާބު ކޮށްފައިވާއިރު، އެޓީމަށް ސީޒަންގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އެއީ ރޭގެ މެޗުން މޮޅުވުމުގެ އިތުރުން ދެ މެޗުން އެއްވަރު ވެފައި އޮތުމުންނެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ގްރީންއިން ވަނީ ލީޑު ނަގާފައެވެ. ގްރީންގެ ހަމައެކަނި ގޯލް 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެނިޝް ފޯވާޑް އެންހެލް މުނޯޒެވެ. މުނޯޒަށް ހަލީލް ގަމާލް ދިން ބޯޅައަކަށް އަރައި އޭރިއާ ތެރެއިން ގޯލްކީޕަރު ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.
ފުރަތަމަ ހާފުގައި ނުރައްކާތެރި އިތުރު ހަމަލާތަކެއް ފާހަގަވެގެން ނުދިޔަ ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅުގައި މެޗުގެ ނަތީޖާ ބަދަލުވެދާނެ ފަދަ ގޮތަކަށް ހަމަލާތައް ފެނިފައިވެއެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ދަ ގްރާންޑޭ އިން އެއްވަރުކުރުމާ ގާތަށް ދިޔައެވެ. އެކަމަކު އަހުމަދު ޝިޒާން ނެގި ބޯޅަ އޭރިއާ ތެރެއިން ޝިފާން ހަސަން ޖެހުމުން އަމާޒު ވީ ދަނޑިއަށެވެ.
އޭގެ ފަހުން 59 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލުގެ ރޮނގު މަތިން ބައުންސްވެގެން ދިޔައީ އެވެ.
މެޗުގެ ފަހު ކޮޅުގައި ހަމަލާތައް ނުފެނި، މެޗުގެ އޮއިވަރު ވަރަށް ލަސްކޮށް ފާހަގަވެފައިވާއިރު، ދަ ގްރާންޑޭން ކުރިއަށް ޖެހި ގޯލެއް ޖަހަން ކުރި މަސައްކަތް ނާކާމިޔާބުވީ ގްރީންއިން މެޗުގެ ޓެމްޕޯ ވަރަށް ބޮޑަށް ލަސްކޮށްލުމުންނެވެ.