ރާއްޖޭގައި މަރާލާފައިވާ މީހުންނަށް ލިބެންޖެހޭ އިންސާފާއެކު އެކަމުގެ ބޮޑު މަންޒަރު ހޯދަން ފުރިހަމަ ތަހުގީގެއް ވެސް ހިންގަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ، ރާއްޖޭގައި މަރާލާފައިވާ އަދި ގެއްލުވާލާފައިވާ ނޫސްވެރިންނާއި ބްލޮގަރުންގެ ތަހުގީގު ލަސްކަމަށް ބުނެ ގިނަ ބަަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމާ ގުޅޭގޮތުން އިންޑިއާގެ ދަ ހިންދޫ ނޫހުން އީމެއިލް މެދުވެރިކޮށް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، އަނިޔާވެރި މަރުތަކާ މެދު އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް އިންސާފާއެކު އެފަދަ އަމަލުތައް ހިންގަން ހިތްވަރު ލިބޭ ގޮތްތަކުގެ ބޮޑު މަންޒަރު ހޯދަން ތަހުގީގެއް ހިންގަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އަމަލުތައް ހިންގުމުގައި ބައިވެރިވި އެންމެން ޖަވާބުދާރީކޮށް، އެފަދަ ކަންކަން ރާއްޖޭގައި ނުހިނގާނެކަން ކަށަވަރު ކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް،" ރައީސް ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކުގެ އެދުމުގެ މަތިން، އެ މަރުތަކުގެ ތަހުގީގު ވަރުގަދަކުރުމުގައި އެހީތެރިވުމަށް ބޭރުގެ މާހިރެއް ވެސް މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް ގެނެސްފައިވާ ކަމަށެވެ. އަދި މަރާލާފައިވާ މީހުންގެ އާއިލާއާ ގާތް ގުޅުމެއް ބާއްވައި، އެ މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ގެއްލުވާލާފައިވާ ނޫސްވެރިން އަހުމަދު ރިލްވާންގެ މަރުގެ ތަހުގީގަށް ބޭރުގެ މާހިރަކު ރާއްޖެ އައިސް މަރު ކޮމިޝަނާއެކު މަސައްކަތް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު