"ވިޝަން 2040" އަދި "2040 ވަޓް ވުޑް އިޓް ބީ ލައިކް؟"ގެ ނަމުގައި 2040ގެ ތަސައްވުރާ ގުޅޭގޮތުން ދިވެހި ކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހަދިޔާކުރައްވައިފިއެވެ.

އެ ދެ ފޮތް ރައީސް ސޯލިހަށް ހަދިޔާކުރެއްވީ، އުގައިލް ފައުންޑޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުންނެވެ. އެ ދެ ފޮތް އެމަނިކުފާނުގެ އަތްޕުޅަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ދެ ފޮތަކީ ޕްރޮފެސަރު ހަސަން އުގައިލްގެ އުގައިލް ފައުންޑޭޝަންގެ ކިޑްސް ސާކަލްއިން އެކުލަވާލައި ތައްޔާރުކޮށްފައިވާ ދެ ފޮތެވެ. އޭގެ ތެރެއިން "ވިޝަން 2040" ފޮތަކީ ހަތް އަހަރާއި ދިހަ އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް، އެ ކުދިން 2040 ވަނަ އަހަރު ދުނިޔެ އޮންނާނެ ކަމަށް ތަސައްވުރު ކުރާ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ފޮތެކެވެ. އަދި "2040 ވަޓް ވުޑް އިޓް ބީ ލައިކް؟" ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް 2040 ވަނަ އަހަރުގެ ތަސައްވުރާ ގުޅޭގޮތުން އެކުލަވައިލާފައިވާ ފޮތެކެވެ.

މީގެ 20 އަހަރު ފަހުން ދުނިޔޭގެ ކަންކަން އޮންނާނެގޮތުގެ ތަސައްވުރާއި މީހުން އަދާކުރާނެ ވަޒީފާތަކާއި ޗުއްޓީ ހޭދަކުރުމަށް ޖައްވަށް ދަތުރުފަތުރު ކުރުމާއި އައު ހޯދުންތަކާއި އެފަދަ އެތައްކަމެއް އެ ކުދިންގެ ތަސައްވުރުގައި ހުރިގޮތް އެ ދެ ފޮތުގައި ލިޔުމުންނާއި ކުރެހުމުގެ ޒަރީއާއިން ހިމަނާފައިވެއެވެ.

އެ ދެ ފޮތުގެ ނަންދިނުމުން ފެށިގެންގޮސް ބަނޑޭރިގަނޑާއި ފޮތުގެ ހުރިހާ ކޮންޓެންޓެއް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިންނެވެ. އެ ދެ ފޮތް ތައްޔާރުކުރުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 400 އަށްވުރެ ގިނަ ކުދިން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.