ރާއްޖެ އެތެރެކުރުން މަނާ ބާވަތެއްގެ ދިރޭ މަސްތަކެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އޮޅިގެން ދޫކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖެއަށް އެތެރެކުރުން މަނާ، ދިރޭ މަހުގެ ބާވަތަކަށް ހުއްދަ ދެވުނީ އެ މިނިސްޓްރީގެ އޮންލައިން ސިސްޓަމަަށް ދިމާވި މައްސަލައަކުން ކަމަށެވެ. އަދި އެ މަހުގެ ބާވަތް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މަހުގެ ބާވަތް އެތެރެކުރި ފަރާތަށްވެސް އެކަން އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އެތެރެކޮށްފައިވަނީ ދިރޭ މަހުގެ ކޮން ބާވަތަކަށް ކަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ ސިސްޓަމް އިތުރަށް ހަރުދަނާކޮށް ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.