ފޭސްބުކް އަދި ޓުވިޓާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓްގައި ތަޅު އަޅުވައިފި އެވެ.

ޓުވިޓާއިން ޓްރަމްޕްގެ އެކައުން ލޮކްކޮށްފައިވަނީ 12 ގަޑިއިރަށެވެ. އަދި ފޭސްބުކް އިން ލޮކްކޮށްފައިވަނީ 24 ގަޑިއިރަަށެވެ.

ޓުވިޓާއިން ވަނީ ޓްރަމްޕްގެ އެކައުންޓް ލޮކް ކޮށްފައިވަނީ ހަމަނުޖެހުމަށް ހިތްވަރުދީ ޓްރަމްޕް ކުރައްފައިވާ ޓުވީޓެއް ޑިލީޓް ކުރެއްވުމަށް ނަސޭހަތް ދެމުންނެވެ. ޓުވިޓާއިން ވަނީ ޓްރަމްޕްގެ ޓްވީޓްތަކުގައި ހަމަނުޖެހުމަށް ހިތްވަރުދޭނަމަ ކުރިޔަށް އޮތްތާނގައި އެކައުންޓް ސަސްޕެންޑު ކުރަން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ފޭސްބުކް އިން 24 ގަޑިއިރަށް ޓްރަމްޕްގެ އެކައުންޓް ލޮކް ކޮށްފައިވަނީ ހަމަނުޖެހުންތަކުގެ ވީޑިއޯ ހިއްސާކުރެއްވުމުންނެވެ. ފޭސްބުކް އިން ވަނީ ޓްރަމްޕްގެ ވީޑިއޯ ޑިލީޓް ކޮށްފައެވެ.

އެމެރިކާގެ ސިޔާސީ މަޝްރަހު ގޯސްވެފައި މި ވަނީ އެގައުމުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް ޓްރަމްޕްގެ ސަޕޯޓަރުން އެއްވުމާ ގުޅިގެންނެވެ. ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އެތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ.

ގާނޫން ހަދާ މަޖިލީހުގައި ހަމަނުޖެހުން ހިންގަމުންދިޔަ ޓްރަމްޕްގެ ސްޕޯޓަރުން ހުއްޓުވުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން މަސައްކަތްކުރުމުގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި އެކަކު ވަނީ މަރުވެފައެވެ.

ޓްރަމްޕް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި ސަޕޯޓަރުންނަށް ހަމަނުޖެހުން ސުލްހަވެރިކަމާއެކު ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ރިޔާސީ އިންތިހާބު ވަނީ އޮޅުވާލާފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.