މާލޭ ދުވާ ޓްރެކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، އެތަނަކީ އާންމުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވޭނެ ޒަމާނީ ޓްރެކަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވެލި ޓްރެކް ސިންތެޓިކަށް ބަދަލުކޮށް، އާންމުންނަށް ހުޅުވާލަން ތައްޔާރު ވެއްޖެއެވެ.
މިނިސްޓަރު އަހުމަދު މަހުލޫފް ގައުމީ ސީނިއާ އަދި ޖޫނިއާ އެތުލީޓުންގެ ތަމްރީނުތަކުގައި ބައިވެރިވެ، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތައްޔާރަށް ތިބުމަށެވެ.
"އެކުވެނީ ސިންތެޓިކް ޓްރެކުގައި ގައުމީ ޖޫނިއާ އަދި ސީނިއާ އެތުލީޓުންނާއެކު މިއަދު ވާނީ ފަރިތަކުރުންތަކުގައި ބައިވެރިވެފައި. ބޫޓުގެ ނާޑުވާ ބާރުކުރައްވާ. އިންޝާ ﷲ ވަރަށް އަވަހަށް ރަސްމީކޮށް، އާންމުނަށް ޓްރެކް ހުޅުވާލެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ސެޝަންގައި ގައުމީ އެތުލީޓުންގެ ތެރެއިން މުޅި ސަރަހައްދުގެވެސް އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވެސް ބައިވެރިވި ތަން ފެނިފައިވެއެވެ. ޓްރެކްގެ ހިތްގައިމުކަން ޑްރޯން ފޮޓޯތަކުން ފެންނަ އިރު، ޓްރެކަކީ އެތައް ބައެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ޓްރެކް ގާއިމުކޮށް ނިންމާލީ އެކިއެކި ފަރާތްތަކުގެ އެހީއާއެކުގައެވެ. އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އެ މަސައްކަތް ނިންމައި ސިންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިން ފަށާފައިވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފެވެ.
ސަރުކާރުން 1996 ވަނަ އަހަރު ތަރައްގީކުރި ވެލި ޓްރެކުގައި އާންމުން ކަސްރަތުކުރުމުގެ އިތުރުން ބައެއް އަމިއްލަ އެކަޑަމީތަކާއި ކަސްރަތު ކްލާސްތައް ވެސް ބާއްވައެވެ. އަދި ހުޅުމާލޭގައި 2018 ވަނަ އަހަރު ސިންތެޓިކް ޓްރެކެއް އެޅުމާ ހަމައަށް އެތުލެޓިކްސް މުބާރާތްތަކާއި ޕްރެކްޓިސްތަކަށް އެތަން ބޭނުންކުރިއެވެ. މިހާރު ރަސްމީކޮށް ހުޅުމާލޭ ޓްރެކް އެތުލެޓިކްސްގެ ހަރަކާތްތަކަށް ބޭނުން ކުރަމުން އަންނަ އިރު، މާލޭ ރައްޔިތުން އާންމުކޮށް ކަސްރަތު ފަދަ ބޭނުންތަކަށް އެ ޓްރެކަށް ދިއުން ވަނީ އުނދަގޫ ކަމަކަށެވެ.
ދުވާ ޓްރެކެއްގެ ގޮތުގައި އެތަން އާންމުކޮށް ބޭނުންކުރި ނަމަވެސް އެތަނުގެ މެދުގައި އޮންނަ ކްރިކެޓް ދަނޑުގެ މިންހަމަކުރަނީ އެ ޓްރެކް މަތިން ބައުންޑަރީ އަޅައިގެންނެވެ. އެހެންވެ ކްރިކެޓަށް ހާއްސަ ތަނެއް ހެދެންދެން، ސިންތެޓިކް ޓްރެކުގެ ބައެއް ކްރިކެޓުން ވެސް ބޭނުންކުރާނެއެވެ. މިނިސްޓްރީން ބުނީ ކްރިކެޓަށް ހާއްސަ ގަޑީގައި ޓްރެކް ބަންދުވާނެ ކަމަށެވެ.
އެތައް ދުވަހެއް ވަންދެން މަރާމާތެއް ނެތި އޮތުމަށްފަހު ވެލި ޓްރެކްޓް ސިންތެޓިކް ވެގެން ދިއުމަކީ ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބޭނެ ކަމެކެވެ. ހާއްސަކޮށް އަމިއްލަ ފަރާތްތަކުން ހިންގާ ކްލާސްތަކާއި އެކަޑެމީތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް