ޚަބަރު

ގައުމީ ޝިޕިން ކުންފުންޏާ ގުޅިގެން މިފްކޯ އިން މަސް އެކްސްޕޯޓުކުރުމަށް ތައްޔާރުވަނީ

ރިފާ ހަލީލު

ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އާއި ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގުޅިގެން މަސް އެކްސްޕޯޓު ކުރަން ނިންމައިފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެމްއެސްއެސް އާއި އެކުންފުންޏާ ގުޅިގެން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މަސް ފިނިކޮށް ރައްކާކުރުމަށް ބޭނުންވާ 30 ކޮންޓެއިނަރު ރާއްޖެ ގެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ އެމްއެސްއެސްއާ ގުޅިގެން މަސް އެކްސްޕޯޓު ކުރަން ނިންމާފައިވަނީ މަސްވެރިންނަށް މަސްކިރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ފެލިވަރުގައި މަސް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުވަންދެން މި ކޮންޓެއިނަރުތަކުގައި މަސް ރައްކާކުރެވޭނެ ކަމަށާއި މިކަމުގެ ސަބަބުން މަސްކިރުމަށް ދިމާވާ ދަތިތަކާއި މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އޮޕަރޭޝަން ފަށަން ތައްޔާރު މިވަނީ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދުމަށް. މަސްކިރުމަށާއި މަހަށް ހަމަ އަގު ހޯދައިދިނުމަށް. ފެލިވަރުގައި މިހާރު ގިނަ އަދަދަކަށް މަސް ރައްކާކުރެވޭނެ އިންތިޒާމެއް ނެތީމަ އެ އިންތިޒާމު ހަމަޖެއްސެންދެން އަޅުގަނޑުމެން މި އޮޕަރޭޝަންގެ ތެރެއިން ރީފާ ކޮންޓެއިނާތަކުގައި މަސް ރައްކާ ކުރާނީ. އޭރަށް ފެލިވަރުގައި މަސް ރައްކާ ކުރުމުގެ ގާބިލުކަން ގާއިމުވާންދެން ވެސް މަސްވެރިން ބާނާ މަސް ގަނެ، ބޭރުކޮށް ބޮޑު އަގު ލިބޭނެ ގޮތެއް ހެދޭނެ މި އޮޕަޜޭޝަންގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ އެމްއެސްއެސްއާ ގުޅިގެން މަސް އެކްސްޕޯޓު ކުރާނީ ޔޫރަޕާއި ލެޓިން އެމެރިކާ އާއި ރަޝިއާގެ މާކެޓުތަކުގެ އިތުރުން މަހަށް ބޮޑު އަގު ލިބޭ ދުނިޔޭގެ އެހެނިހެން މާކެޓުތަކަށް ކަމަށެވެ. ކޮންމެ ކޮންޓެއިނަރެއްގައި 25 ޓަނު މަސް ރައްކާކޮށް އެކްސްޕޯޓު ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.