ރާއްޖޭގައި ދިވެހީންގެ އަމިއްލަ ފްލައިން ސްކޫލެއް ގާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގައި ފްލައިން ސްކޫލެއް އޮތީ އަމިއްލަ ފަރާތަކުން ހިންގާ ވިޔަފާރިއެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ފްލައިން ސްކޫލަކީ މިއަދު ރާއްޖެއަށް ވަރަށްވެސް ބޭނުންތެރި ތަނެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އުންމީދު ކުރަނީ ސަރުކާރުގެ ފްލައިން ސްކޫލެއް ގާއިމުކުރެވި، ދަރިވަރުންނަށް ފަސޭހަކަމާއެކު ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ ދުވަހެއް ފެނިގެން ދިއުން ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ، އަޅުގަނޑު އުންމީދުކުރާ ގޮތަކީ އަދި އަޅުގަނޑު ދެކޭނެ ހުވަފެނަކީ ރާއްޖޭގައި، ރާއްޖޭގެ އަމިއްލަ ސަރުކާރުގެ ފްލައިން ސްކޫލެއް އޮވެ މިކަން ފަސޭހަ ގޮތެއްގައި އަޅުގަނޑުމެންގެ ފްލައިން ހަދަން ބޭނުންވާ ކުދިންނަށް ހެދޭނެ ދުވަހެއް އައުން. އަޅުގަނޑު އެކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން،" ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ފެއިލްވެފައިވަނީ ބަލަންޖެހޭ ކަންތައްތައް ނުބެލުމުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އޭއޭއޭ ފެއިލްވެފައިވަނީ އެކުންފުނީގެ މާލީ ހާލަތު ދަށްވެ، އިތުރު ބޯޓާއި އިންސްޓްރަކްޓަރުން ނުގެނެވި ދިގުލައިގެން ދިއުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފްލައިން ސްކޫލުގެ މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރަށް މައްސަލައަށް ހައްލުތަކެއް ހޯދައި، ރަނގަޅުވަމުންދާނެ ކަމަށެވެ.
ރާއްޖޭގައި ދިވެހީންގެ އަމިއްލަ ފްލައިން ސްކޫލެއް ގާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވެފައިވާ އިރު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމުގެ ގާބިލުކަން އެބަހުރި ކަމަށް ބުނެފައެވެ. އެގޮތުން މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރެއްގައި ހުއްދަ ލިބިފައިވާ ތަމްރީންތައް ހިންގަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ޕައިލެޓުންނާއި ކެބިން ކްރޫންނާއި ޑިސްޕެޗާސް އާއި އޭވިއޭޝަން ލެންގުއޭޖްގެ ތަމްރީންތައް ވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު