ކުރިއަށް އޮތް ހަ މަސް ތެރޭ ފްލައިން ސްކޫލުގެ މައްސަލައަށް ހައްލެއް ހޯދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އައްޑޫ ފްލައިން ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އެތަނުގައި ކިޔަވާ ދިވެހި ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅެ، ދަތިކުރުމުގެ ކަންތައް ކުރަމުންދާ މައްސަލައާއި އެ ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައެއް މެންބަރުން ވަނީ އައްޑޫއަށް ވަޑައިގެން ފްލައިން ސްކޫލުގެ މެނޭޖްމަންޓާއި ދަރިވަރުން އަދި ގަން އެއާޕޯޓްސް ކޮމްޕެނީއާ ބައްދަލުކުރައްވައިފަ އެވެ.
އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ އޭއޭއޭ އިން ކޯސް ފުރިހަމަ ކުރޭތޯ ނުބަލާނެ ކަމަށާއި ދަރިވަރުންގެ ކޯސްތައް ފުރިހަމަ ކުރުމަށް ޗެކްރިޕަބްލިކްގެ ސްކޫލެއްގައި ދަރިވަރުން ނުނިމި ހުރި ބައި ނިންމޭނެ ގޮތްތަކެއް އޮތްތޯ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގައި ދުވަސްތަކެއް ނަގާ ކަމަށާއި އެއީ ވަކި ރެގިއުލޭޝަންތަކެއްގެ ތެރެއިން ކުރަންޖެހޭ ކަމަކަށްވާތީ ކަމަށް ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ އެސްކޫލުގެ އިތުރަށް ހަޔާ އެޑިއުކޭޝަނާ ގުޅިގެން އިތުރު ސްކޫލަކާ ވާހަކަދެކެވެމުން އަންނަ ކަމަށާއި ކުއްޖަކަށް ފުރުސަތު ލިބިއްޖެނަމަ، ނުނިމި ބާކީ ހުރިބައި ނިންމުމަށް ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ނަހުލާ ވިދާޅުވީ މައްސަލަ ހައްލުވާނެ ސީދާ ތާރީހެއް ދަންނަވަން ނުކެރޭނެ ކަމަށާއި ޕްރޮސެސްތައް ތަފާތުވުމުގެ ސަބަބުން ވަކި ތާރީހެއް ދީފައި، އެތާރީހަށް ހައްލު ނުކުރެވިއްޖެނަމަ، ދޮގު ހެދުނީ ކަމަށްވާނެ ކަމަށެވެ. ނަމަވެސް މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަަމަށާއި އެންމެ ކައިރިން ބަލާނެ މައްސަލައަކީ މި މައްސަލަ ކަަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި، ކުދިންނަށް ދެވަނަ ސްކޫލަކުން ކިޔެވުމުގެ ފުރުސަތު އެކުދިން ބޭނުންވަންޏާމު ހޯދައިދޭނަން. މި ޕްރޯސެސް ފުރިހަމަކުރަން ގާތްގަނޑަކަށް އެބަދޭ އެވަރުގެ މުއްދަތެއް. އެހެންވީމަ ދެވަނަ ސްކޫލަކުން ކިޔަވަން ފުރުސަތުދޭ ކަމަށް ވަންޏާ އެތަނަށް ފޮނުވޭވަރު އަޅުގަނޑުމެން ކޮށްދޭނަން،" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ އޭއޭއޭއަށް އިތުރު ބޯޓެއް ގެނެސްގެން ނަމަވެސް މި މުއްދަތުގެ ތެރޭގައި ކުދިންގެ ކިޔެވުން ނިންމުމަށް މަސައްކަތް ކުރާނެ ކަމަށާއި އިތުރު ބޯޓެއް ގެނައުމަށް އޭއޭއޭއަށް އަންގާފައިވާނެ ކަމަށެވެ. އަދި އިތުރު އިންސްޓްރަކްޓަރުން ގެނެސްގެން ނަމަވެސް މިއަދުން ފެށިގެން ހައްލު ހޯދަން ޖެހޭ ކަންކަމުގައި ހައްލު ހޯދައިދޭނެ ކަަމަށް ނަހުލާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު